ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކުން ހެރިސްގެ ކެމްޕޭނަށް ހުރަސް އަޅަނީ

ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން ވައިޓް ހައުސް ކައިރީ މުޒާހަރާ ކުރަނީ. ފޮޓޯ/ރޮއިޓާސް

އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ރައީސް ކަމަށް ވާދަކުރައްވާ، ކަމަލަ ހެރިސްގެ ކެމްޕޭނު އިވެންޓުތަކުގައި މުޒާހާރާތައް ކުރިއަށް ގެންދިއުމަށް ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކުން އަނެއްކާ ވާސް ގޮވައިލައިފިއެވެ.

އެމީހުން އެގޮތަށް ގޮވައިލައިފައި ވަނީ އިސްރާއީލުން ޣައްޒާގައި މެދުކެނޑުމެއްނެތި ގަތުލު އާންމު ހިންގަމުންދާއިރު ވެސް، އެކަމާ އެއްޗެއް ވިދާޅުނުވެ، ކެމްޕޭނު ކުރިއަށް ގެންދާތީ، ހިތްހަމަނުޖެހިގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަރަބި އެމެރިކާ މުސްލިމުންނާއި އެމީހުންގެ އެކުވެރިން ރާވާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ފިލަޑެލްފިއާގައި، ރިޕަބްލިކަން ޕާޓީން ވާދަކުރައްވާ އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ހެރިސް ބާއްވާ ބަހުސްގައި މުޒާހަރާ ކުރުމަށެވެ. އަދި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ވެސް ބޮޑެތި ސިޓީތަކުގެ ކޮލެޖް ޔުނިވާސިޓީތަކުގައި މުޒާހަރާ ކުރުމަށް ވަނީ ރާވައިފައެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހަކީ މިދިޔަ އަހަރު އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށި ދުވަހެވެ.

ބުރާސްފަތި ދުވަހު އެމީހުން ވަނީ ޖޯޖިއާގެ ސަވާނާގައި ބޭއްވި ޖަލްސާއެއްގައި ވެސް ހެރިސްގެ ވާހަކަފުޅަށް ހުރަސްއަޅައިފައެވެ. މުޒާހަރާތަކުގެ ސަބަބުން އިންތިޚާބުގައި ހެރިސްއަށް އޮތް ތާއީދު ގެއްލިދާނެތީ، ޕާޓީގެ އެތެރޭން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރައްވަން ފެއްޓެވި ފަހުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަދުކުރުމަށް ހެރިސް ވިސްނާވަޑައިނުގަންނަވައެވެ.

ކެމްޕޭން އޮފިޝަލުން ބުނާ ގޮތުގައި ހެރިސް އާއި ކެމްޕޭންގައި ހަރަކާތްތެރިވާ އިސް އޮފިޝަލުން ވަނީ ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.

ފަލަސްތީނަށް ތާއީދުކޮށް މިދިޔަ މާޗްމަހު ވެސް އެމެރިކާގެ ކޮލެޖް ކެމްޕަސްތަކާއި ޔުނިވާސިޓީތަކުގައި ވަނީ މުޒާހަރާކޮށްފައެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން އިސްރާއީލު ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި އިސްރާއީލަށް އެންމެ ބޮޑަށް މަދަދުވެރިވަމުން ދަނީ އެމެރިކާގެ މިހާރުގެ ރައީސް، ބައިޑަންގެ ސަރުކާރުންނެވެ.

އެގޮތުން، މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ އުދުވާން ހިންގަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އުދުވާނުގައި ޣައްޒާގެ މުސްލިމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ދެމުންދާ ހަމަލާތަކުގައި އިސްރާއީލުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި މިސައިލްތަކާއި ބޮންތަކެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް