ޔާމީން މިނިވަންކޮށްދޭން އެދި އާދޭސްކޮށް ފޮނުވި މެސެޖުތައް ސޯލިހުގެ ފޯނުގައި ހުންނާނެ: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ޔާމީން މިނިވަންކޮށްދޭން އެދި އާދޭސްކޮށް ފޮނުވި މެސެޖުތައް ސޯލިހުގެ ފޯނުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވޭ -- ފޮޓޯ/ އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކޮށްދެއްވުމަށް އެދި އާދޭސްކޮށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފޯނަށް ފޮނުއްވި މެސެޖުތައް ޑިލީޓްނުކުރައްވަ ނަމަ، ޞާލިހްގެ ފޯނުގައި ހުންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގއި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގައި ، ޔާމީން ކޯޓަށާއި ޕޮލިހަށް ގެންދެވިއިރު، އެމަނިކުފާނުގެ ދިފާއުގައި ހުންނެވި ކަމަށެވެ.

އެމަނިކުފާނުގެ ވިސްނުންފުޅުގައިވަނީ ހަމައެކަނި ޔާމީން މިނިވަން ކުރެއްވުމާއި ޔާމީނަށް ކުރެވޭ ތުހުމަތުތަކުން ، ޔާމީން ސަލާމަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަލަށް ގެންދިޔައިމައި ވެސް ހަމަ މިނިވަން ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އަޅުގަނޑު އުޅުނިން ހަމަ ލީޑަޝިޕްގެ އެހެން ބޭފުޅުންނާ އެކީގައި. އެހެންވީމަ ވަރަށް ހައިރާންވޭ. ސުޕްރީމް ކޯޓުން ފުރަތަމަ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ދުވަހު ވެސް ހަމަ ހީނުކުރާ ވަރުގެ އުފާވެރި އިހުސާސްތަކެއް ވި އެ އިމޯޝަންގެ ތެރޭގައި އެހާ ދުވަހު އުޅެފައި.

މީގެ އިތުރުން ޕީޕީއެމްގައި ޔާމީން ބޭނުންފުޅުވާ ނަމަ، ދެވަނަ ދައުރަކަށް ހޮވައިދެއްވުމަށް އިސް ދައުރެއް އަދާކޮށްދެއްވުމަށް ހުންނެވި ކަމަށް ރައީސް އަމިއްލަފުޅަށް ޔާމީނަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަޝިޕުން މަސައްކަތް ކުރެއްވީ ޔާމީން މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް ކަން ފާހަގަކުރައްވައި، ރައީސް މުއިއްޒުވަނީ، ޔާމީން މިނިވަންކޮށްދެއްވުމަށް އެދި ޞާލިހަށް ގިނަ މެސެޖުތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާގައި: ރައީސް މުއިއްޒު ވިދާޅުވީ ޔާމީން މިނިވަންކޮށްދޭން އެދި އާދޭސްކޮށް ފޮނުވި މެސެޖުތައް ސޯލިހުގެ ފޯނުގައި ހުންނާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރޯދައަށް ގެއަށް ގެނެސް ދިނުމާއި ދަރިފުޅުގެ އޯލެވެލް ކަައިރި ވަމުން އަންނާތީ އޯލެވެލްއަށް އެޓްލީސްޓް ގެއަށް ގެނެސްދެއްވުން އެދި އާދޭސްކޮށް، ތަކުރާރުކޮށް މެސެޖުކޮށް ހެދިން، އަދި ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިން.

ޕާޓީއާއި އެމަނިކުފާނުގެ 'ލެވެލް' އިން ޔާމީން މިނިވަން ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މަގުމަތީގައި ޔާމީން މިނިވަންކޮށްދެެއްވުމަށް އެދި މަސައްކަތް ކޮށްދެއްވަން ވަޑައިގަތުމާއި، އެމަނިކުފާނުގެ އަޑު އައްސަވާނެ ހުރިހާ ފަރާތްތަކަށް ދެންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

އަދި، ޕާޓީ އޮފީހުގައި ކުރެއްވި ހުރިހާ މަސައްކަތްތަކަށް މާލީ ގޮތުންނާއި އެހެން ގޮތްގޮތުން. އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް: ޔާމީން މިނިވަންކޮށްދޭން އެދި އާދޭސްކޮށް ފޮނުވި މެސެޖުތައް ސޯލިހުގެ ފޯނުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވޭ -- ސަން ފޮޓޯ/ މާހިލް އާތިފް

އޭގެއިތުރުން، ރައީސް ކަމަށް ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓު ހަވާލުވުމުގެ ކުރިން ޕާޓީ ތެރޭގައި ކުރިއަށް ދިޔަ ސެނެޓްގައި ހިނގަމުން ދިޔަ ކަންތަކުގެ ތެރޭގައި ވެސް އެންމެ ފަހު ދުވަހު ވެސް ޔާމީން މިނިވަންވެއްޖެނަމަ، އެ މަނިކުފާނުގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ޔާމީންގެ ހައްގެއް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޕީޕިއެމް ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. ޔާމީން ވިދާޅުވި ގޮތުގައި ވަކިވެވަޑައިގަތީ ރައީސް ޑރ. މުއިއްޒާއި، ޔާމީނާ ގުޅުން ހީނަރުވެ ޕާޓީ ހިންގުމުގައި ޔާމީން އެކަހެރިކުރުމަށް މަސައްކަތް ކުރުމުންނެވެ.

އެއަށްފަހު، ޔާމީން ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އަމިއްލަފުޅު ޕާޓީއެއް އުފައްދަވާފައެވެ. ޔާމީން ގެންދަވަނީ އެމަނިކުފާނުގެ ޕާޓީން ބާއްވާ ބައްދަލުވުންތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް