މާފަންނު ގެއެއްގައި ބިރުދައްކައި ހިފަހައްޓައިގެން އުޅުނު އަންހެން މީހާއަށް އަނިޔާވީ ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ބަންދުކޮށްފައިވާ އަންހެން މީހާއަށް އެ ގޭތެރޭގައި އަނިޔާކޮށް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމަށް ބުނެ އޭނާ ހިފަހައްޓައިގެން ހުރި ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި ވަޅިޖައްސާ އިންޒާރު ދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އޭނާގެ ކަރުގައި ވަޅިޖައްސައިގެންހުރެ މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމަށް ބާރުގެ ބޭނުންކޮށް އެ ފިރިހެން މީހާގެ ކިބައިން އަންހެން މީހާ ސަލާމަތް ކުރެވިފައި ވާކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެ ފިރިހެން މީހާއަށް އަނިޔާވެ އޭޑީކޭ ކޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އަދި ބަންދުކޮށްފައި ހުރި އެ އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަދި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.