ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކުރަން އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީއިރު އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އޮތީ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމަށް ފަހު، ބޮޑު ކަންނެލި ޔޫނިއަންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އިއްޔެ ވަނީ އެ ނިންމުން ބަދަލުކުރައްވައިފައެވެ.
އެ ކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިދިޔަ ފަސް އަހަރު އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް ވިދާޅުވީ، ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފައި އޮތީ ސިނާއަތާއި ގައުމުގެ މަސްލަހަތު އިސްކޮށްފައި ކަމަށެވެ.
އެކަމަކު، މި ސަރުކާރުން ބޭކާރު ގޮތުގައި އެކަން ބަދަލުކުރަން އުޅުމުން އިޔާދަނުކުރެވޭ ވަރަށް ރާއްޖޭގެ އަގު ވެއްޓިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ މިނިސްޓަރުން ވެސް ސިޔާސަތުތައް އިއުލާނުކުރަންވާނީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ވިސްނަވާފައި ކަމަށެވެ.
މަޒާޖީ ގޮތެއްގައި ފައްޔާޒް ވަނީ މިއީ 'ފިޝަރީޒް ބަޣާވާތެއް' ކަމަށް ވެސް ސިފަކުރައްވައިފައެވެ.
"ކިރިޔާ މި ސަލާމަތްވީ ފިޝަރީސް ބަޣާވާތަކުން. އަނެއްކާ ވެސް ރައީސް މުއިއްޒަށް މި ޖެހިވަޑައިގެންނެވީ މާލީ ބަޣާވާތަކަށް ފަހު ދެވަނައަށް ފިޝަރީސް ބަޣާވާތަކުން ސަރުކާރު ސަލާމަތްކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވުމާ ގުޅިގެން ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުން ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މަސްވެރިންގެ އަޑުއަހައި މަސްވެރިންނަށް ފައިދާ ހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށާއި މި ސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާއި ޚާއްޞަކޮށް މަސްވެރި އާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެ ކަމަށް ވެސް ޝިޔާމް ވަަނީ ވިދާޅުވިއެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ކެބިނެޓުން ނިންމީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ، އެ ހުއްދައާ ގުޅޭ ގޮތުން "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން"ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކުރެއްވުމަށް ފަހުގައި ކަމަށް އިއްޔެ ރައީސް އޮފީހުން ވަނީ ބުނެފައެވެ.