އިންޑިއާގެ ގުޖުރާތަށް ކުރާ ވިއްސާރައިގައި 28 މަރު

ގުޖުރާތަށް ކުރާ ވިއްސާރައިގައި މަގެއްގައި ފެން ބޮޑުވެފައި، ފޮޓޯ/ރޮއިޓާސް

އިންޑިއާގެ ގުޖުރާތު ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި 28 މީހުން މަރުވެއްޖެއެވެ.

އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 28އަށް އުފުލިފައިވާއިރު، ގުޖްރާތްގެ އައްސޭރިފަށުގެ ރަށްތަކުގައި ދިރިއުޅޭ 18,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ވިއްސާރައާ ގުޅިގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ގުޖްރާތުގެ ޖަމްނަގަރަށެވެ.

އިންޑިއާ ސިފައިންނާއި ގައުމީ ޑިޒާސްޓާ ރެސްޕޮންސް ޓީމްތަކުން ދަނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގައި ރިލީފް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގަމުންނެވެ.

ކުރިއަށް އޮތް ދެތިން ދުވަހު ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ އެ ސްޓޭޓް އޮތީ ހައި އެލާޓްގައެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނީ, އެ ސަރަހައްދަށް ބޯކޮށް ވާރޭވެހެމުން ދަނީ އެ ސަރަޙައްދުގައި އުފެދިފައިވާ އެޓްމޮސްފެރިކް ޑިޕްރެޝަނެއްގެ ސަބަބުން ކަމަށެވެ. މި ވިއްސާރައިގެ އަސަރު ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. އެ ގައުމުގެ އެންމެ އާބާދީ ބޮޑު ރަށް، ކަރާޗީގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ގުޖުރާތަކީ ވަރަށް އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާ ސަރަހައްދެކެވެ. އެގޮތުން 2017 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

comment ކޮމެންޓް