ޣައްޒާއަށް ވެކްސިން ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވެއްޖެ

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ޚާން ޔޫނިސްގެ މަގެއް. ފޮޓޯ/އޭޕީ

ޣައްޒާއަށް ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުމަށް ތިން ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑައިލުމަށް އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އެއްބަސްވެފައިވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއުލާނުކޮށްފިއެވެ.

ޣައްޒާއަށް ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑައިލުމަށް ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ވަނީ އެދިފައެވެ.

ވެކްސިން ފޯރުކޮށްދިނުމަށް ނިންމައިފައި ވަނީ 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޣައްޒާއިން ޕޯލިއޯ ކޭސްއެއް ފެނުމުންނެވެ.

ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ އެކި ސަރަހައްދުތަކުގައި ތިން ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑައިލާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށާއި، ވެކްސިން ދޭން ފަށާނީ މެދުތެރޭ ޣައްޒާގައި ކަމަށް ފަލަސްތީނުގެ ސަރަހައްދުތަކަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅައިފައި ހުންނަ މަންދޫބު ރިކް ޕީޕަކޯން ވިދާޅުވިއެވެ.

ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގުމަށް ހަނގުރާމަ މެދުކަނޑައިލުމަށް އެދުމުން ހަމާސް އިން މަރުހަބާ ކިޔާ ކަމަށް ހަމާސްގެ އޮފިޝަލް ބަސެމް ނާއިމް ރޮއިޓާސްއަށް ވިދާޅުވިއެވެ.

ޕީޕަކޯން ވިދާޅުވި ގޮތުގައި އެ މީހުންގެ އަމާޒަކީ 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދިނުމެވެ. އަދި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީ މިކަން ކުރިއަށް ގެންދިއުމަށް އޮތް އެންމެ ރަނގަޅު ގޮތެއް ނޫން. ނަމަވެސް މިއީ ކުރިއަށް ދިއުމަށް މަސައްކަތް ކުރެވޭނެ ގޮތެއް." ޕީޕަކޯން ވިދާޅުވިއެވެ.

comment ކޮމެންޓް