ވާރޭވެހި ގަޑިއެއްހާއިރު ތެރޭ މާލޭގައި ފެންބޮޑުވުމުން ޕަމްޕުތައް ބޭނުންކުރަން ފަށައިފި

ވާރޭވެހި މާލޭމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޯކޮށް ވާރޭވެހެން ފެށިތާ ގަޑިއިރެއްހާއިރު ތެރޭގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުން ފެންހިންދުމަށް ޕަމްޕުތައް ބޭނުން ކުރަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، ފަޔަ އެންޑް ރެސްކިއު ސާވިސްގެ ސިފައިން އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓް ޕާކު ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭވެހޭއިރަށް މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއެވެ.

ހުޅަނގުގެ ވިއްސާރައިގައި މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވަރަށް ވިއްސާރަ ކުރިއެވެ. އަދި އެ ވިއްސާރައިގައި ގެއްލުންވި ބައެއް އާއިލާތައް ވަގުތީ ހިޔާތައް ބަދަލުކުރިއިރު، ހަމަ އެކަނި މާލޭގެ ގެތަކަށް ވިއްސާރައިގައި އަށް ލައްކަ ރުފިޔާގެ ގެއްލުން ލިބުނެއެވެ.

https://sun.mv/195687

ރާއްޖެއަށް އަންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގުގެ ވިއްސާރަ ފެށުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ މިދިޔަ މާޗުމަހުގެ 10ގައެވެ. އަދި މި އަހަރުގެ ޑިސެންބަރާ ހަމަޔަށް ހުޅަނގު މޫސުން ދިގުދެމިގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މެޓުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ކއެީގެ އަސަރު ފޯރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ. މޫސުން ގޯސްވެ ވިއްސާރަކުރި ނަމަވެސް، އެއްވެސް މޫސުމީ ސަމާލެއް އެ އިދާރާއިން ނެރިފައެއް ނެތެވެ.

comment ކޮމެންޓް