ވިއްސާރައިގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އަގު އަށް ލައްކަ ރުފިޔާއަށް

ވިއްސާރައިގައި ބަޔަކު ވެލިގޯނި ޖައްސަނީ: ވިއްސާރައިގައި އެކި ރަށްރަށަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައި -- ފޮޓޯ/ އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އަގު އަށް ލައްކައަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރެޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދައި ނިމިފައިވާ ކަމަށާއި ބާކީ ހަތަރު ގެއިން އެސެސްމަންޓް ހަދަން ބޭނުން ނުވާކަން އަންގައިފައިވާ ކަމަށެވެ.

އެ އެސެސްމަންޓްތަކުން، ވިއްސާރައިގެ ސަބަބުން އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 819،549 ރުފިޔާއަށް އަރާ ކަމަށް ދައްކާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން ވިއްސާރައިގައި ރާއްޖޭގެ 13 ރަށެއްގެ 77 ގެއަކަށާއި ތިން ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ގެތަކާއި ދަނޑުބިމަށް ލިބިފައިވާ ގެއްލުމުގެ އެސެސްޓްމެންޓް ފޯމް ހުށަހަޅައިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވެ، ފަސް އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. އޭގެތެރޭގައި، 23 މީހުންނާއި 13 ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރެއިން ދެ އާއިލާއެއް އިއްޔެއާ ހަމައަށް ވެސް ތިބީ ވަގުތީ ހިޔަލުގައެވެ.

އަންގާރަ ދުވަހު ކުރި ވިއްސާރައާ ގުޅިގެން މީގެކުރިން އެންޑީއެމްއޭއިން ބުނީ، މާލެއިން އެކަނިވެސް އެހީތެރިކަމަށް އެދި 256 ރިޕޯޓެއް ހުށަހެޅިކަމަށެވެ.

ވިއްސާރައާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކުރީ އުތުރުގެ ރަށްތަކުން ކަމަށްވާއިރު، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ހއ. އަތޮޅުން 20 ރިޕޯޓެއް އެންޑީއެމްއޭއަށް ހުށަހަޅާފައި ވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

https://sun.mv/195634

މެޓް އޮފީހުން ވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ރަނގަޅުވާން ފަށައިފައިވީ ނަމަވެސް ވައި އަދިވެސް ގަދަވާނެ ކަމަށް ބުނެފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް