ސްކޫލު ބަންދާ ދިމާކޮށް، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ސްކޫލު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ, މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި އަހަރަށް ސްކޫލުތައް ބަންދުވެއެވެ. އެއާއެކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުތައް ކުރަން ވަނީ ނިންމައިފައެވެ.

މެޓުން ބުނީ މިއީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި, އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާއިރު މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށެވެ. އެގޮތުން ބަންގާޅު ކަނޑުގައި ގޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓަމިލްނާޑޫއާ ދިމާލު އައްސޭރި ފަށަށް މިސްރާބު ޖަހާނެ ކަމަށް މެޓުން ބުނެއެވެ. އަދި މި ހަފުތާގެ ތެރޭގައި ރާއްޖޭގެ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މެޓުން ލަފާކުރާގޮތުގައި އަންނަ ބުދަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް އާންމު ގޮތެއްގައި ވައި ބާރުވާނެއެވެ.

އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެ ތެރޭގެ, އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ލަފާ ކުރެއެވެ.

އެހެންކަމުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40-50 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އަދި ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ.

އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް