ލޭނު މަސްވެރިކަމަށް ހުއްދަނުދޭން ނިންމީތީ ރައީސަށް ނަޝީދުގެ މަރުހަބާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވަނީ: ނަޝީދުވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައި --- ފޮޓޯ: މަޖިލިސް

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ކަމަށް ޓަކައި މަރުހަބާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ކެބިނެޓުން ނިންމީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހެވެ. އެހެން ނަމަވެސް، ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް މިއަދު ނިންމެވީ، އެ ހުއްދައާ ގުޅޭ ގޮތުން 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

މި ކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ދުނިޔޭގައި ރާއްޖޭގެ ކަނޑުމަހުގެ އަގަށް ނުރަނގަޅު އަސަރު ކުރުވީސް ކަމަށެވެ. އަދި މި ކަމުގައި ރައީސް މުޢިއްޒު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙުމަދި ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށެވެ.

https://sun.mv/196133

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ މަނިކުފާނުގެ ނިންމެވުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންއާއި، ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެއެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ފުރަތަމަ ހުއްދަ ދޭން ފެށީ 2012 ވަނަ އަހަރުގައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ސަރުކާރުން 2019ވަނަ އަހަރު ވަނީ ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލައިފައެވެ.

comment ކޮމެންޓް