ލޭނު މަސްވެރިކަމުން ލިބިދާނެ ނަފާއަށްވުރެ، ރައީސް އިސްކުރެވީ މަސްވެރިންގެ ކަންބޮޑުވުން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ވިދާޅުވީ، ލޭނު މަސްވެރިކަމުން ލިބިދާނެ މަންފާއަށްވުރެ ބޮޑަށް ރައީސް އިސްކުރެއްވީ މަސްވެރިންގެ ކަންބޮޑުވުން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި، އެ މަނިކުފާނު މަންފާއަށްވުރެ ބޮޑަށް އިސްކުރެއްވީ މަސްވެރިންގެ ކަންބޮޑުވުން ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް މިއަދު ނިންމެވީ، އެ ހުއްދައާ ގުޅޭ ގޮތުން 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

އެ ނިންމެވުމާ ގުޅޭ ގޮތުން ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށެވެ.

ސަރުކާރުން މަސްވެރިންގެ އަޑުއަހައި މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މިސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާއި ޚާއްޞަކޮށް މަސްވެރި އާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ކެބިނެޓުން ނިންމީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ.

https://sun.mv/196123

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ މަނިކުފާނުގެ ނިންމެވުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންއާއި، ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެއެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ފުރަތަމަ ހުއްދަ ދޭން ފެށީ 2012 ވަނަ އަހަރުގައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ސަރުކާރުން 2019ވަނަ އަހަރު ވަނީ ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލައިފައެވެ.

comment ކޮމެންޓް