ރާއްޖެއިން ފޯޅަވަހި ނުވަތަ ޕެރޮސް ބަންހޮސް އެޓޯލްގެ މިލްކުވެރިކަން ހޯދުމަށް ދައުވާކުރަމުން ދަނިކޮށް މޮތިޝަސްއަށް ފޯޅަވަހި ދީގެން ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިނގިރޭސިވިލާތައި މޮރިޝަސްގެ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މޮރިޝަސްއަށް ޗާގޯސް ރަށްތައް ދެނީ، އެ ރަށްތަކުގެ ރައްޔިތުންނަށް ޗާގޯސްއަށް އެނބުރި ދެވޭނެ ގޮތަށް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައި އޮންނަ ޑިއޭގޯ ގާސިއާގައި ހިންގާ އަސްކަރީ މަރުކަޒު ހުއްޓުމެއްނެތި ހިންގަމުން ދިޔުމަށް އެއްބަސްވުމުގައި ހިމަނައިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ ކުރިން ވެސް ނަޝީދު ވަނީ، ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ހެކިދޭ ތާރީޚީ ހެކި އެބަހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން، އިހު ޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅޭ ތިއާގި ރަށެއް ކަމަށާއި 1500ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ގިނަ ރާއްޖޭގެ ޗާޓްތަކުގައި އަައްޑޫގެ ދެކުނަށްވާ އަތޮޅަކީ ފޯޅަވެހިކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭރު ނަޝީދު ވިދާޅުވީ، 1560ވަަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ރަށްތަކުގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރުއެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.
ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.
އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.
އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.