ފިޗުން ފާހަގަކޮށްފައިވާ މައްސަލަތައް ވަށައިޖެހޭ ގޮތެއްގައި އިސްލާހުކުރަން ފިޔަވަޅު އަޅާނަން: ފިނޭންސް

މާލީ ވަޒިރު ޑރ. މުހައްމަދު ޝަފީގު: ފިޗުން ފާހަގަކޮށްފައިވާ މައްސަލަތައް ވަށައިޖެހޭ ގޮތެއްގައި އިސްލާހުކުރަން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށް، ފާހަގަކޮށްފައިވާ މައްސަލަތައް ވަށައިޖެހޭ ގޮތެއްގައި އިސްލާހުކުރަން ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން މިއަދު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީސީ ޕްލަސް'އިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ، އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ހިމެނެއެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ފިޗުން ރޭޓިން ދަށްކުރީ ރާއްޖެއަށް މިހާރު ފިސްކަލް އަދި އެކްސްޓާނަލް ހިރާސްތައް ހުރި ކަމަށް ބެލެވޭތީ ކަމަށެވެ.

"ފިޗުން ފާހަގަކޮށްފައިވާ ފިސްކަލް ދާއިރާއަށާއި ބޭރު ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދަނީ އާމްދަނީއާއި ޚަރަދުގެ ސިޔާސަތުތައް ވަށައިޖެހޭ ގޮތުގައި ރިފޯމްކޮށް، މެދު ރާސްތާއަށް ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރުމަށް ތައްޔާރުވަމުންނެވެ،" ބަޔާނުގައިވެއެވެ.

ސަރުކާރުން ފާހަގަކުރި ގޮތުގައި، ދައުލަތުގެ މާލީ ހާލަތާއި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް ހައްލުކުރުުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ޚަރަދު ކުޑަކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ވަނީ އެކުލަވައިލައިފައެވެ. އޭގެ ތެރޭގައި އެއާޕޯޓް ޓެކުހާއި ފީއާއި ގްރީން ޓެކުހުގެ ރޭޓުތަކާއިި ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރުން ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އެ މިނިސްޓްރީން ބުނޭ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އާމްދަނީގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ޖުމްލަ ގޮތެއްގައި ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެ، ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ މިންވަރު ވެސް އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވްއާއި އެކްސްޓާނަލް ސެކްޓާއަށް ހުރި ހިރާސްތައް ކުޑަކުރެވި، ބޭރު ފައިސާއިން އަދާކުރަން ޖެހޭ ދަރަނިތައް އަދާ ކުރުމަށް ފަސޭހަވެގެންދާނެއެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމުގެ ގޮތުން ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކެއް ވެސް އެކުލަވާލައި ތަންފީޒުކުރާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އޭގެ ތެރޭގައި:

  • ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްރާފު ކުޑަކޮށް އެފިޝިއެންޓްކުރުން
  • އިންޑިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުން ޖެހޭ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީ ދިނުން
  • ސިއްހީ އިންޝޫރެންސް ނިޒާމު ހަރުދަނާ ކުރުން
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކުއްލި ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ފިއުލް ހެޖިންއާ ބެހޭ ސިޔާސަތު ތަންފީޒުކުރުން

އެ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކަކީ ދައުލަތުން ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކޮށް، ފިސްކަލް އަދި އެކްސްޓާނަލް ސެކްޓަރުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި އެކުލަވާލައި ތަންފީޒު ކުރުމަށް ރާވާފައިވާ ބަދަލުތައް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މި ސިޔާސަތުތައް ތަންފީޒުވެ، މިއަހަރާއި މެދު ރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިގުތިސާދަށް އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއެކު ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނެވިކަން އިތުރު ކުރެވޭނެއެވެ." ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ބަދަލުތަކާއެކު 2028ގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 90 އިންސައްތައަށްވުރެ ކުޑަ ކުރެވޭނެ ކަމަށާއި އެއާއެކު މުސްތަގުބަލުގައި ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

https://sun.mv/196126

ފިޗުން ރޭޓިންއަށް ގެނައި ބަދަލާ ގުޅުވައި އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތައް ހެޔޮ ނަތީޖާއެއް ލިބޭނެ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ ނިޔަލަށް، ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ހިމަނައިގެން ރަސްމީ ރިޒާވު 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް