ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރު ކުރުމުން ލިބޭ ފައިސާއާއެކު، އާންމުންނަށް އޮންލައިން ވިޔަފާރި ކުރުމުގެ މިހާރު ދިމާވެފައިވާ ދަތިތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
މި ސަރުކާރުން ފުރަތަމަ ރިސޯޓްތަކަށް މަޖުބޫރުކުރީ އެ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 20 ޕަސެންޓް މާރުކުރުމަށެވެ. އެ މިންވަރު 40 އިންސައްތައަށް އިތުރުކުރުމަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26ގައެވެ. އެއަށްފަހު މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ އެ ބިލް ތަސްދީގު ކުރައްވައިފައެވެ.
ރިސޯޓުތަކުން އެހާ ބޮޑު އަދަދެއްގެ ޑޮލަރު މާރުކުރުމަކީ ދެމެހެއްޓެނިވި ފިޔަވަޅެއް ނޫން ކަމަށް ބުނެ، އެ ސިނާއަތުގެ ބައެއް ބޭފުޅުންނާއި އިދިކޮޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖޭގައި ދައުރުވާ ޑޮލަރު އިތުރު ކުރުމަށް ސަރުކާރުން އެ ފިޔަވަޅުތައް އަޅާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު، އެ ބެންކަށް ލިބޭ ޑޮލަރުގެ އަދަދަށްވުރެ އިތުރު ކަމަށް ބުނަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އެހެންވެ، އެ ބެންކުން ވަނީ ޓީމޫއާއި ޝެއިން ފަދަ ދިވެހީން އާންމުކޮށް ބޭނުންކުރާ ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް މިދިޔަ މެއި މަހު ނިންމައިފައެވެ. އޭގެ ފަހުން، އޮންލައިން ވިޔަފާރިތައް ކުރުމަށް ދަތިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް: ރިސޯޓުތަކުން އިތުރަށް ޑޮލަރު މާރުކުރުމުން، އޮންލައިން ވިޔަފާރިއަށް ދަތިވާ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މައްސަލައަށް ހައްލު ލިބޭނީ ކޮންއިރަކުތޯ "ސަން"އިން ސުވާލުކުރުމުން ރައީސް ވިދާޅުވީ، ގާނޫނު އިސްލާހު ކުރަނީ އެފަދަ ކަންކަން ހައްލު ކުރުމަށް ޓަކައި ކަމަށެވެ.
"އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި މި ބަދަލު މި ގެންނަނީ, ހަމަ ވީ އެންމެ އަވަހަކަށް މީގެ ތެރެއިން މި ގާނޫނުތައް ތަންފީޒު ކުރުމުގެ ތެރެއިންނާ އެކީގައި އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނީ," އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޮންލައިން ވިޔަފާރީގައި ދިމާވާ ދަތިތަކާ ގުޅޭ ޝަކުވާތައް އެ މަނިކުފާނަށް ވެސް ލިބޭ ކަމަށާއި، ނަމަވެސް އެފަދަ ބަދަލުތަކަކީ ވަގުތުން އަންނާނެ ބަދަލުތައް ނޫން ކަމަށެވެ.
އެ މަނިކުފާނު ވަނީ ސަރުކާރުން ގެންނަ ބަދަލުތަކާއެކު، މުސްތަގުބަލުގައި މައްސަލައަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.