ފެސިލިޓީތައް ގާއިމް ކުރެވުމުން މަސްވެރިކަމުގެ އާމްދަނީ ދެގުނަ އިތުރުވާނެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އޭނާ ވިދާޅުވީ ފެސިލިޓީތައް ގާއިމް ކުރެވުމުން އާމްދަނީ ދެތިން ގުނަ އިތުރުވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕްރޮސެސިން ފެސިލިޓީތަކާއި ކޯލްޑް ސްޓޯރޭޖުތައް ގާއިމް ކުރެވުން، މަސްވެރިކަމުން ލިބޭ އާމްދަނީ ދެތިން ގުނައަށް އިތުރުވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް މިނިސްޓަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓުކުރާ މަސް ދުނިޔޭގެ އެކި ބާޒާރުތަކުގައި ވަރަށް އަގުބޮޑުކޮށް ވިއްކާ ކަމަށެވެ. އެއީ ރޯ މެޓީރިއަލްގެ ގޮތުގައި މަސް ބޭރުކުރަން ރާއްޖެއަށް މަޖުބޫރުވެފައި އޮތަތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރޯ މެޓީރިއަލްގެ ގޮތުގައި ރާއްޖެއިން މަސް ބޭރުކުރަންޖެހޭތީ، އެ ކަމުގައި ލިބެންޖެހޭ "ރަނގަޅު އަގެއް" ނުލިބޭ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވާނަން ހަމަ އަގެކޭ. ރަނގަޅު އަގެއް ނުލިބޭކަން އަޅުގަނޑުމެންނަށް މި އެނގެނީ. އެ މަސް ދިވެހިރާއްޖޭގެ އަގު އެއްކޮށްގެން އަޅުގަނޑުމެންނަށް ބޭރުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް، މަސް އެކްސްޕޯޓުކޮށްގެން ދިވެހިރާއްޖެއަށް މި ވައްދާ ބޭރު ފައިސާ އެތައް ގުނައެއް އިތުރު ކުރެވޭނެ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކޯލްޑް ސްޓޯރޭޖާއި ޕްރޮސެސިން ފެސިލިޓީތައް ގާއިމްކޮށް، މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ޓާގެޓު ހާސިލް ކުރެވުމާއެކު، އެ ކަމުން ލިބޭ އާމްދަނީ ދެތިން ގުނައަށް އިތުރުވާނެއެވެ.

އެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުތަކާއި ޕްރޮސެސިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން:

  • ޅ. ފެލިވަރުގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ
  • ފ. ނިލަންދޫގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ
  • ގދ. ފިޔޯރީގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ

މި މަސައްކަތް ނިމުމާއެކު ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުރުވެގެންދާނެއެވެ.

ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ. ސަރުކާރުގެ އަމާޒަކީ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ރާއްޖޭގައި ގާއިމް ކުރުމެވެ.

comment ކޮމެންޓް