މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މަސްވެރިންނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ، މިދިޔަ އޮކްޓޫބަރު 27ގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް، ސަރުކާރުން ބުނެފައިވާ ގޮތަށް ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން މިސަރުކާރުން ވެރިކަމާ ހަވާލުވި ދުވަސް، ނޮވެންބަރު 17 2023އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު 27ގެ ނިޔަލަށް މަސްވެރިންނަށް 1.04 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވަލުވީއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ވަރަށް ބޮޑު ބެކްލޮގެއް އޮތެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ 17 ރުފިޔާއަށެވެ. އެހެން ނަމަވެސް ވޯޓުގެ ފުރަތަމަ ބުރަށްފަހު މަސްވެރިންގެ އަތުން ފައިސާ ގަންނަމުންދިޔައީ ކިލޯއަކަށް 25 ރުފިޔާގެ މަގުންނެވެ.
ޝިޔާމް ސިފަ ކުރެއްވީ އެއީ ސިޔާސީ ނިޔަތެއްގައި ކުރީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައެވެ.
"ދައުރެއް ނިމެމުންގޮސް، އިންތިޚާބު ތެރޭގައި ހިނގައިދިޔަ ކަމެއްގެ ވާހަކަ. އެހެންމާ ކޮންކަހަލަ ނިޔަތެއްގައިތޯ އެ ކަން ކުރީ އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއްވެސް ވަރެއްގެ ދިރާސާއެއްގެ އަލީގައި ކުރެވުނު ކަމަކަށް އެ ކަން އަޅުގަނޑުމެން މިއަދު ވެސް ގަބޫލެއް ނުކުރަން، އަދި މަސްވެރިން ވެސް ގަބޫލެއް ނުކުރޭ" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން މަހުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވެސް އުނދަގޫތަކެއް އަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މި ކަމުގެ ސަބަބެއްގެ ގޮތުން މިދިޔަ ވެރިކަން ނިމުނުއިރު، މަސްވެރިންނަށް ދޭންވާ ފައިސާ ނުދެވި އޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދީގެން ކުރެއްވި އެއް ކަމަކީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކައި ޚަލާސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވެގެން، މަސްވެރިން އެތައް ފަހަރަކު އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުލްހަވެރި އެއްވުންތައް ބާއްވައި މުޒާހަރާ ވެސް ކުރިއެވެ.