ހަމަލާ އެރި ތެޔޮޓޭންކަރުގެ ފަޅުވެރިން ސަލާމަތްނުކުރެވި، އެމެރިކާ ގޮތްހުސްވެފައި

ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އަޑިއަށްދާން ފަށާފައިވާ ގްރީސްގެ ތެޔޮ ޓޭންކަރު ސޮޔުނިޔަން

ވޮޝިންޓަން (29 އޮގަސްޓް 2024): ޔަމަނުގެ ހޫޘީ ޖަމާއަތުން މި ހަފުތާގެ ކުރީކޮޅު ހަމަލާދިން ގްރީސްގެ ތެޔޮޓޭންކަރުގައި ތާށިވެފައިވާ ފަޅުވެރިން ސަލާމަތްކުރުމުގެ ފުރުސަތު ވެސް އެ ޖަމާއަތުން ނުދިން ކަމަށާއި އެ ޓޭންކަރު ކަނޑަށް ފެތެމުންދާއިރު އޭގައި 25 ފަޅުވެރިން އެބަ ތިބި ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ޕެޓްރިކް ރައިޑާ ވިދާޅުވި ގޮތުގައި ހޫޘީންވަނީ ގްރީސްގެ ޓޭންކަރަކީ އިސްރާއީލުގެ ކުންފުންޏެއްގެ މަސްލަހަތު އޮންނަ ޓޭންކަރެއްކަމަށް ބުނެ، އެ ޓޭންކަރުގެ ފަޅުވެރިން ސަލާމަތްކުރުމުގެ ފުރުސަތު ދިނުމަށް ދެކޮޅު ހަދާފައެވެ.

"ސޮޔުނިއަން" ނަމަކަށް ކިޔާ މި ޓޭންކަރަށް، ހޫޘީން ހަމަލާ ދިނީ މިދިޔަ ހޯމަ ދުވަހު ބާބުލްމަންދަބު ކަނޑުއޮޅި ކައިރިން ދަތުރުކުރަނިކޮށެވެ. ހަމަލާދިނީ ޑްރޯނެއް ބޭނުންކޮށްގެންނެވެ. ހުޘީންގެ އަސްކަރީ ޑްރޯނަކުން އެ ޓޭންކަރަށް ދެތިން ފަހަރު ހަމަލާދިންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ބުނާގޮތުން ހޫޘީންގެ ހަމަލާއާ އެކު އެ ޓޭންކަރުގެ އިންޖީނުވަނީ ހަލާކުވެފައެވެ. އަދި، ޓޭންކަރުގައި އަލިފާން ރޯވެ، އަނދަމުންދާތާ ދެ ދުވަސްވުމުން ޓޭންކަރު ފޫވެއްޓި އެއިންވަނީ ކަނޑަށް ތެޔޮލީކުވާން ފަށާފައެވެ. މި ތެލުގެ ސަބަބުން އެސަރަހައްދުގައި ދަތުރުކުރާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ތިމާވެށީގެ ކާރިސާއެއް ވެސް ކުރިމަތިވެފައިވާ ކަމަށް ޕެންޓަގަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ރައިޑާ ވިދާޅުވިއެވެ.

"މެރިޓައިމް އެގްޒެކެޓިވް" ބުނާގޮތުން "ސޮޔުނިއަން" ނަމަކަށް ކިޔާ މި ޓޭންކަރުގައި ގްރީސްގެ ދިދަ ހުރި ކަމަށްވިޔަސް އޭގައި ހުރީ އިސްރާއީލުގެ ކުންފުންޏެއްގެ ތެލެވެ.

އެއް މިލިޔަން ފީފާގެ ސާފުނުކުރާ ތެޔޮ އެޓޭންކަރުގައި ހުރި ކަމަށްވެއެވެ. އެ ތެޔޮތައް ކަނޑަށް އެޅެމުންދާއިރު މިހާރު ވެސް ބޮޑު މާސިންގާ ސަރަހައްދަކަށް ތެޔޮގަނޑު ފެތުރިފައިވާ ކަމަށާއި އޭގައި ތިބި ފަޅުވެރިން ސަލާމަތްކުރެވޭނެ ގޮތެއް އަދި ނެތްކަމަށް ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހޫޘީން ބުނާގޮތުން ގްރީސްގެ ތެޔޮ ޓޭންކަރަށް ހަމަލާދިނީ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތާ ދެކޮޅަށް އެ ޖަމާއަތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެ ޓޭންކަރުގެ ފަޅުވެރިން ޚިލާފުވެ، އެ ފިޔަޅުތަކަށް ގޮންޖަހާފައި ބާބުލްމަންދަބު ހުރަސްކޮށް ރަތްކަނޑަށް ވަންނަން މަސައްކަތްކުރުމުންނެވެ.

ހޫޘީންވަނީ އެ ޓޭންކަރާ ކައިރިވާ ކޮންމެ އުޅަނދަކަށް ވެސް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި ކޮންމެ ދުވަހަކު 70 އިން 80 އިން މީހުން މަރަމުން ގެންދާތީ ހޫޘީން ގެންދަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން އިސްރާއީލުގެ ބަނދަރުތަކަށާއި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދެމުންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑާއި އަރަބި ކަނޑާއި ރަތްކަނޑާ އަދި މެޑިޓަރޭނިއަން ކަނޑުން ދަތުރުކުރުމުގެ ފުރުސަތުން އިސްރާއީލުގެ އުޅަނދުތަކާއި އިސްރާއީލުގެ މަސްލަހަތު އޮންނަ އުޅަނދުތައް މަހުރޫމު ކުރުމެވެ. ހޫޘީންގެ މި ނިންމުމަށް ގޮންޖަހައި ދަތުރުކުރާނަމަ ދަތުރުކުރާ ބޯޓުތަކާއި ތެޔޮޓޭންކަރުތަކާއި އެ ނޫން އުޅަނދުތަކަށް ވެސް ހަމަލާދިނުމެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ހޫޘީން ހަމަލާދެނީ ފަލަސްތީނުގެ ކުޑަކުދިން މަރައި ގަތުލުއާންމުތައް ހިންގާ އިސްރާއީލު ހިމާޔަތްކޮށްދީ އިސްރާއީލުގެ ދިފާއުގައި އެ ދެ ގައުމުން ހޫޘީންގެ އަމާޒުތަކަށް ހަމަލާދޭތީއެވެ.

comment ކޮމެންޓް