އެޑިޓާސް ޓޯކް: އަސްލު ބޯންވި ހިތި ބޭހަކީ ކޮބާ؟

ދިވެހިރާއްޖެއަށް މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް، އިންޒާރުތައް ދެމުންނެވެ. ޚަރަދުތައް ކުޑަކޮށް، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ނޫން ގޮތެއް ރާއްޖެއަކަށް ނެތެވެ. ބޭރު ފައިސާ ލިބުން ދަތިވެ، ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް މި ވަނީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިފައެވެ.

ކޮންމެ ހަފުތާއަކު ވެސް ގެނެސްދޭ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓުގެ ތެރެއިން މި ހަފުތާގެ އެޕިސޯޑްގައި އަލިއަޅުވައިލީ އެ މައުޞޫއަށެވެ.

ދިވެހިރާއްޖޭގެ އިގުތިސާދަށް މި ވަނީ ކިހިނެއްތޯއާއި، މިހާރު ސަރުކާރުން އަޅަން އިއުލާނުކޮށްފައިވާ ފިޔަވަޅުތަކާއި އަދި އެ ކަމުގައި ބޭރުގެ މާލީ އިދާރާތަކުން ބުނަނީ ކީކޭތޯއާއި އެ ނޫން ވެސް މުހިންމު ކަންކަމާ ގުޅޭ ގޮތުން މި ހަފުތާގެ ޕޮޑްކާސްޓްގައި ވެސް ސަންގެ އެޑިޓަރުން ވަނީ ވާހަކަދައްކައިފައެވެ.

އެގޮތުން، ޕޮޑްކާސްޓް ފައްޓަވަމުން ސަންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވަނީ ރާއްޖެއަށް މި ވަގުތު ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތްކަން ފާހަގަކުރައްވައިފައެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި އިޔާދަކުރަނިވި ހަކަތައާއި އެ ނޫން ވެސް ތިމާވެއްޓާ ރައްޓެހި ކަންކަމަށް ޚަރަދު ކުރާއިރު ރާއްޖެއިން އެ ފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ޚާއްސަކޮށް، ރާއްޖޭގެ ކަނޑާއި ވަޔާއި އަވީގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުމުގެ ސަބަބުން ތެލަށް ކުރަންޖެހޭ ހޭދަ އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފުތާގެ ޕޮޑްކާސްޓްގައި ވެސް ދެން ބައިވެރިވި ސަންގެ ޕޮލިޓިކަލް އެޑިޓަރު އަހުމަދު އިނާހު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޮސްފައި އޮތް ހިސާބުން އަވަސް، މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 2،000 މުވައްޒަފުން އިތުރަށް ނެގިކަން ފާހަގަކުރައްވައި އިނާހް ވަނީ އެއީ ހަގީގަތުގައި ވެސް ބޭނުންވެގެން ނެގި ވަޒީފާތަކެއްތޯ ސުވާލު އުފައްދަވައިފައެވެ. އަދި، ސިޔާސީ މުވައްޒަފުންނާއި އެ ނޫން ވެސް ބޭކާރު ޚަރަދުތައް ކުޑަކޮށް، ސަރުކާރުން ނަމޫނާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮޑްކާސްޓްގައި ދެން ބައިވެރިވި މަލްޓިމީޑިއާ އެޑިޓަރު މުޙައްމަދު ނާއިލް ހަފީޒް ވަނީ ރާއްޖޭގެ އާމްދަނީ އިތުރުނުވެ، ޚަރަދުތައް ހައްތަހައި ބޮޑުވަމުން އައުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުނުވި ނަމަވެސް އެކިއެކި ސަބަބުތަކަށްޓަކައި ކުރަމުން އަންނަ ހޭދަ އިންތިހާއަށް އިތުރުވާތީ އޭނާ ވަނީ އެ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަދި، ބޭކާރު ގޮތުގައި ދެމުން އަންނަ ސަބްސިޑީތަކާއި އެ ނޫން ވެސް ޚަރަދުތައް މިހާރުން މިހާރަށް ހުއްޓައިލުން ނޫން ގޮތެއް ނެތްކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ގައުމުތަކުގައި ކަން ކުރަމުން އަންނަ ގޮތާއި، މި ހާލަތު މެދުވެރިވުމުން ދެން ނުކޮށް ދޫކޮށްނުލެވޭނެ ކަންކަމާއި އާންމުން މި ކަންކަމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.

comment ކޮމެންޓް