ޑުރަގް ކޯޓުގެ އަމުރުގެ ދަށުން ނުވަތަ އަމިއްލައަށް ބޭނުންވެގެން ހިންމަފުށީގެ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން ޖެހޭ މީހުންގެ ކިޔޫއެއް މިހާރު ނެތް ކަމަށާއި، އެހެންވެ، ފަރުވާ ދިނުން އަވަސްވާނެ ކަމަށް ނެޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ރާޝިދު މިރޭ ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން ފަރުވާ ބޭނުންވާ މީހުންގެ ކިޔޫ ދިގުވެ ފަރުވާ ލަސްވުމަކީ އާންމު ޝަކުވާއަކަށްވާއިރު، ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ އެ ކިޔޫ މިހާރު ނެތް ކަމަށް ބުނުމުން އެއީ ބައެއް މީހުންނަށް 'ޝޮކަކަށް' ވެދާނެ ކަމަށެވެ.
"އަދިވެސް މާދަން ވެސް ހަމަ ވޮލިއުންޓިއާކޮށް ވަންނަން ބޭނުން ކަމަށް ވިޔަސް އައިސް ފޯމު ލާންވީ، އިރާދަކުރެއްވިއްޔާ ބަންދު ދުވަހެއް ނޫން ކަމަށްވަންޏާ އެ ދުވަސް ނޫނީ ޖެހިގެން އަންނަ ދުވަސް އެ ކުއްޖާ ގެންގޮސްދޭނެ، އެހެންވީމަ ކިޔޫއެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެންޑީއޭއިން ހިންގާ މެތަޑޯން ޕްރޮގްރާމްގައި ބޮޑު ކިއުއެއް އެބައޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ޕްރޮގްރާމަށް ބަދަލު ގެންނާތީ، އެ ޕްރޮގްރާމަށް މީހުން ނެގުން ހުއްޓާލާފައިވާ ކަމަށް ރާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމް އެކުލަވާލަނީ، ފަރުވާ ހޯދާ މީހުންނަށް ހެޔޮ ބަދަލެއް އަންނާނެ ގޮތަށް ކަމަށާއި މިހާރު ޕްރޮގްރާމްގެ ކަންތައްތައް ނިންމުން އޮތީ ފަހު މަރުހަލާގައި ކަމަށެވެ.
"މެތަޑޯންގައި މި ބައިވެރިކުރަނީ އަމިއްލައަށް ވޮލިއުންޓިއާކޮށް އަންނަ ކުދިން. އެ ކޮންސެންޓްގައި އެ މީހުން ސޮއިކުރާނެ. އެ މީހުން ވަކި އަދަދަކަށް ކްލާސްތަކާއި އެ ނޫން ވެސް ތަރުބަވީ ތައުލީމު އުނގެނެން އަންނަން ޖެހޭނެ، އެހެންވީމަ މި ކަހަލަ ވަރަށް ގިނަ ކަންތައްތަކާއެކު ޕްރޮގްރާމެއް އަޅުގަނޑުމެން މި ލޯންޗުކުރަނީ،" ރާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަރުވާގެ ތެރެއަށް އަމިއްލައަށް ކުދީން ވަންނަ ނަމަވެސް ސެންޓަރުގެ އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށާއި އެ ކަންކަމަށް ކުރިއަށް އޮތް ތަނުގައި ޖާގައެއް ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ފަރުވާދޭ މަރުކަޒުގެ ކެޕޭސިޓީއަކީ ވަރަށް ކުޑަ ކެޕޭސިޓީއެއް. އަޅުގަނޑުމެންގެ ޚިދުމަތުގަ މަސައްކަތްކުރާ މީސްކޮޅު އެއަށްވުރެ މާމަދު. މިހާރުވެސް ވޮލެންޓިއާކޮށް އަދި އެ ނޫންވެސް ގޮތް ގޮތުން ދިމަދިމާލުން ރިސޯސް ހޯދައިގެން މިކަން ވޭތޯ މި މަސައްކަތް ކުރަނީ،" ރާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑުރަގުން އަރައިގަތުމަށް މަސައްކަތްކުރާ އެތަކެއް ކުދީންތަކެއް އެބަތިބިކަމަށެވެ. އެހެންކަމުން ސެންޓަރުތަކުގެ އުސޫލާ ޚިލާފުވާން ފުރުސަތު ނުދޭނެ ކަމަށާއި ކޯޓުން އަމުރުކޮށްގެން ވައްދާއިރު ފަރުވާއަށް އެއްބާރުލުން ދޭންޖެހޭވަރަށް ނުދޭނަމަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ފަރުވާއަށް ހުކުމެއް ކޮށްފައި އޮތް ކުއްޖަކު ފަރުވާއިން އަމިއްލައަށް ބޭނުންވެގެން ނުކުމެއްޖީޔާ މާލެ ތެރެއަކުން އޭނައެއް ނުފެންނާނެ އޭނަދާނީ ކުރެވުނު ހުކުމުގެ ބާކީ ބަޔަށް ޖަލަށް،" އޭނާ ވިދާޅުވިއެވެ.
"ކުރީގަ ފެނޭ މި މަންޒަރު އެފަދަ ހާލަތްތަކުގައި ވެސް ކުދީން މަގުމަތީގައި އުޅެމުންދާ މަންޒަރު. ކުރިއަށް އޮތްތަނުގަ އެހެނެ ނުވާނެ."
ރާޝިދު ވިދާޅުވީ އެންޑީއޭއިން ބޭނުންވަނީ ފުލް ކެޕޭސިޓީގައި ފަރުވާދޭން ކަމަށެވެ. އަދި އިތުރު އެނދު ޖަހައިގެން އެ އޮންނަ އުސޫލެއްގެ ތެރެއިން އެކަން ކޮށްދެވޭނަމަ، ވީހާވެސް ގިނަ ބަޔަކަށް ފަރުވާ ދިނުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހު އެންޑީއޭއިން ބުނެފައިވާ ގޮތުގައި، މަސްތުން ސަލާމަތްވުމުގެ ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ މީހުންގެ އަދަދު އެހާތަނަށް 700އަށް އަރައެވެ. އެ ކިޔޫ ކުޑަކޮށް، ފަރުވާ އަަވަސް ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭރު އެ އޭޖެންސީން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ދެނެގަތުމަށް ދިރާސާއެއް ހަދަން ނިންމައިފައިވާ ކަމަށް މީގެ ކުރިން އެންޑީއޭއިން ބުނެފައިވެއެވެ.