މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ހުރިކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ.
މިއީ މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ބުނީ އެ ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކިލޯއަކަށްވުރެ ގިނަ އެއްޗެހި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯކޮށް، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޒުވާނުން ހިމެނޭ މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް މިހަރު ދަނީ ފެންމަތިވަމުންނެވެ. އެގޮތުން، ފުލުހުން މިދިޔަ ބުދަ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގެއަކުން 23 އަހަރުގެ އަންހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
އަދި ހަމަ އެދުވަހު ހިޔާ ފުލެޓެއް ތެރެއިން ރަލާއި ޑުރަގާ އެކު ތިން ޒުވާނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި އަހަރުގެ މިހައިތަނަށް މަސްތުވާތަކެތީގެ 119 މައްސަލައެއް ފުލުހަށް ވަނީ ރިޕޯޓުކޮށްފައެވެ.