ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ދެނެގަތުމަށް ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ދިރާސާއެއް ހެދުމަށް ނިންމައިފިއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި އެންޑީއޭގެ މަސައްކަތްތަކާއި ފަރުވާގެ ނިޒާމު ބައްޓަންވެފައިވާ ގޮތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ އިދާރާގެ ވައިސް ޗެއާޕާސަން އިސްމާއިލް ޒާހިރު ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލައަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް މައްސަލައެއް ކަމަށާއި މިމައްސަލައިގެ ހާލަތު އަންގައިދޭ ދިރާސާއެއް އެންމެ ފަހުން ހަދައިފައި ވަނީ 2011 ވަނަ އަހަރު ކަމަށެވެ.
އޭނާ ވިދާޅުވީ އެންޑީއޭގެ ބޯޑުން މިހާރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރަނީ، މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް ދިރާސާގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބަލަން ބޭނުންވަނީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދާއި އެ މީހުންގެ އުމުރުފުރައާއި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށް ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅުންހުރި މައުލޫމާތުތައް އިދާރާތަކުގައި ހުރި ނަމަވެސް ދިރާސާއެއް ގޮތަށް އެއް ތަނަކުން މައުލޫމާތު މިހާރު ފެންނަން ނެތް ކަމަށެވެ.
"މޯލްޑިވްސް ޕްލިސް ސާވިސްގައި ހުރި ޑާޓާއާ ޑްރަގް އެޖެންސީގައި ހުރި ޑާޓާއާ ޑްރަގް ކޯޓުގައި ހުރި ޑާޓާއަށް ބަލައި ސިޗުއޭޝަން އެނެލެސިސް، ހަމަ ދިރާސާއެއް ކުރިއަށް ގެންދިއުން މިވަގުތު އެންމެ ބޮޑު ކަމަކަށް އަޅުގަނޑުމެން ރާވާފައި ހުރި ކަމަކީ،" ޒާހިރު ވިދާޅުވިއެވެ.
އެ ދިރާސާއަށްފަހު، ފަރުވާގެ ނިޒާމު ކުރިއަށް ގެންދިއުމަށް ދެން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލައި، ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އެގޮތުން ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހޯމް މިނިސްޓްރީން ވަނީ ޑްރާފްޓްކޮށްފައެވެ.