ގައުމީ ބޭންކް، ބީއެމްއެލްގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން 'މާލީ ބަޣާވާތް' ހިންގަން އުޅުނު ކަމަށް ބުނެ އެމްޑީޕީގެ ބޮލުގައި ތުހުމަތުތައް އަޅުވަނީ މި ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިރޭ ވިދާޅުވެއްޖެއެވެ.
މި ހަފުތާގެ އާދިއްތަ ދުވަހު ބީއެމްއެލްއިން ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމުމަށްފަހު، ހަމަ އެ ދުވަހު އެ ނިންމުން ބަދަލުކޮށްފައެވެ.
ބީއެމްއެލްގެ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން 'ބަޣާވާތް'ކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެމްޑީޕީން ދުރާލާ ރާވައިގެން ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މިދިޔަ ހަފުތާގައި އެންމެ ބޮޑަށް އަޑުއިވުނީ ބޭންކުގެ ރިޒާވް ހުސްވި ވާހަކައާއި، ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވި ވާހަކައިގެ އިތުރުން ބޭރު ފައިސާ އެކީ ހުސްވި ވާހަކަ ކަމަށެވެ.
އެކަމާ ގުޅުވައިގެން އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ވެސް ބަޣާވާތެއް ހިންގަން ކަމަށް ތުހުމަތުތައް ކޮށްފައިވާކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، އެއީ ޕާޓީގައި ހިމެނޭ އިގްތިސޯދީ ކޮމިޓީގައި ހިމެނޭ މެންބަރުން ގައުމުގެ އިގްތިސޯދީ ހާލަތު މޮނިޓާކޮށް އެކަންކަން ހާމަކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށެވެ.
އެގޮތުން ބަޣާވާތް ހިންގަނީއޭ ބުނެ މި ސަރުކާރުން އުޅެނީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށް ނާޒިލް ތުހުމަތުކުރެއްވިއެވެ.
އެއީ މި ސަރުކާރުގެ ނާގާބިލްކަމުން ސަރުކާރަށް ހެދުނު ގޯސް ފޮރުވަން ރައްޔިތުންނާ ދިމާލަށް މި ފޮނުވާލީ އެމްޑީޕީއޭ ކިޔާފަ. މުޅި އެތި ބަދަލުކުރީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ހަމައެއާއެކު ބޭންކުން އެފަދަ ނިންމުމެއް ނިންމާނީ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށް ނާޒިލް ވިދާޅުވިއެވެ.
އެ މަޝްވަރާތައް ކުރިއަށް ނުގެންގޮސް އެފަދަ ނިންމުމެއް ބޭންކުން ނުނަގާނެ ކަމަށް ޔަގީންވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން އެކަމަށް އަޅާނުލުމުގެ ސަބަބުން ބޭންކުން އަމިއްލައަށް އެ ނިންމުން ނިންމީ ކަމަށް ނާޒިލް ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރުން އެއަށް އަޅާނުލެވި ސަރުކާރުން ފަހަތު ފަޔަށް ބުރަވެ ތިއްބަވާފަ ނާގާބިލްކަމުން އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސްނުކުރެވޭތީ އަޅުގަނޑު މި ދަންނަވަނީ ނާގާބިލޭ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ހުއްޓައިލަން ނިންމުމާ އެކު ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށިއެވެ. އަދި މީސްމީޑިއާގައި ބައެއް ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ވެސް ގޮވާލިއެވެ.
އޭގެ ފަހުން ފުލުހުން ވަނީ އެ ދުވަހު ގާނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަމެއް ވައްޓާލަން މަސައްކަތްކުރި ކަމަށް ބުނެ، ޖިނާއީ ތަހުގީގެއް ފަށައިފައެވެ. އަދި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބީއެމްއެލްގެ ވެރިން މަގާމުން އިސްތިއުފާ ދޭން ވެސް ގޮވާލައިފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ރައީސް ވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ބައެއް ޓެކްސްތައް ދެއްކުމާއި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ސީދާ ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަން އިއުލާނުކުރައްވައިފައެވެ. އެ ފިޔަވަޅުތަކާ އެކު ބީއެމްއެލަށް ދިމާވެފައި އޮތް ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެއެވެ.