ރޭޕް މައްސަލައިގައި އިންޑިއާގައި ކުރާ މުޒާހަރާ އަނެއްކާވެސް ހޫނުވެއްޖެ

އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލި މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މުޒާހަރާގެ ތެރެއިން. ފޮޓޯ/އޭއެފްޕީ

އިންޑިއާގެ ކޮލްކަތާ ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލި މައްސަލައިގައި އިންސާފު ހޯދުމަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ، ފުލުހުންނާ މުޒާހަރާގެ ބައިވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތަކަށްފަހު 100 މީހުން ހައްޔަރުކޮށްފިއެވެ.

އޭގެތެރޭގައި ޔުނިވާސިޓީއެއްގެ ހަތަރު ދަރިވަރުންވެސް ހިމެނެއެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ފެން ބޭނުންކޮށްފައެވެ. އަދި ވަކި ހިސާބަކުން، ސަރުކާރުގެ އިމާރާތަކާ ދިމާލަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމާ އެކު ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައި މުގުރުން ވެސް ހަމަލާދޭން ފަށައިފައެވެ.

އިއްޔެ ހޫނުވި އެ މުޒާހަރާގައިވެސް އެތައް ހާސް ބަޔަކު ބައިވެރިވި އިރު ކޮލްކަތާ ނިސްބަތްވާ ވެސްޓް ބެންޖަލްގެ ޗީފް މިނިސްޓަރު މަމަތާ ބެނާރްޖީގެ އިސްތިއުފާއަށް ދިޔައީ ގޮވާލަމުންނެވެ.

މަމަތާގެ އިސްތިއުފާއަށް ގޮވައިލަމުންދިޔަ ބައިވެރިންގެ ތެރޭގައި ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ) އަށް ތާއީދުކުރާ މީހުންވެސް ހިމެނެއެވެ. އިންޑިއާގައި ވެރިކަންކުރަނީ ބީޖޭޕީއިން ނަމަވެސް ވެސްޓް ބެންގާލްގެ ވެރިކަން އޮތީ އިދިކޮޅު ޕާޓީއެއް ކަމަށްވާ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް އަށެވެ. އެއާއެކު މޯދީ ޕާޓީގެ މީހުން މަމަތާގެ އިސްތިއުފާއަށް ގޮވުމުގައި ސިޔާސީ މަގްސަދެއްވެސް ވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މުޒާހަރާތައް މޮނިޓާ ކުރުމަށް ކޮލްކަތާ އާއި އަވަށްޓެރި ހައުރާގައި 5،000 އެއްހާ ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވިއެވެ.

ކޮލްކަތާގެ ސަރުކާރުގެ ހޮސްޕިޓަލެއްގެ ތެރޭގައި، މި މަހު ނުވަ ވަނަ ދުވަހު، އުމުރުން 31 އަހަރުގެ ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައަށް ފަހު މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި އެތައް ހާސް ބަޔަކު ގެންދަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ.

ޑޮކްޓަރު މަރައިލައިފައި އޮއްވައި ފެނުނީ އެ ހޮސްޕިޓަލުގެ ސެމިނާ ރޫމްގައެވެ. ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ސެމިނާ ރޫމަށް ގޮސްފައި ވަނީ ދިގު ޝިފްޓަކަށްފަހު އަރާމުކޮށްލުމަށެވެ.

comment ކޮމެންޓް