ބިދޭސީން އަހަރެއްގެ މައްޗަށް ރާއްޖޭން 500 މިލިއަން ޑޮލަރު ބޭރުކުރޭ

ބިދޭސީ މަސައްކަތްތެރިންތަކެއް: އަހަރަކު ބިދޭސީންނަށް 500 މިލިއަން އެމެރިކާ ޑޮލަރު ބޭރުކުރާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރު މި ގައުމުން ބޭރުކުރާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅުވައި ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންނަށް 500 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަކީ މިއަދު އުފަންވި ކަމެއް ނޫން ކަމަށާއި ރާއްޖޭގައި ހުރިހާ ދުވަސްވަރެއްގައި އެކަން އޮތީ އެހެން ކަމަށް ކަމަށެވެ.

އެ އަދަދަށް ރާއްޖެއިން ޑޮލަރު ބޭރުކުރާއިރު، 2013 އިން 2018އަށް އެ ޑޮލަރުން ދެ ޕަސަންޓުގެ ޓެކްސްއެއް ނެގި ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، އެމްޑީޕީ ސަރުކާރު ހަވާލުވުމަށް ފަހު އެ ޓެކްސް ނެގުން ހުއްޓާލި ކަމަށް ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު: އަހަރަކު ބިދޭސީންނަށް 500 މިލިއަން އެމެރިކާ ޑޮލަރު ބޭރުކުރާ ކަމަށް ވިދާޅުވި --

އެ ބޭރު ކުރާ ފައިސާއަށް އަޅުގަނޑުމެން ރާއްޖޭގެ ފޮރިން ކަރަންސީ އިންޕުޓަށް އިތުރު ވެއިޓޭޖެއް ދޭންވެގެން ދެ ޕަސެންޓު ޓެކްސްއެއް އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައި ނެގީމޭ އޭރު. އަދި، އެމްއެމްއޭގައި ކްރެޑިޓް ގެރެންޓީ ސްކީމެއް ހެދީމޭ އޭގެ ސަބަބުން ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް އެ މީހުން ބޮރޯކުރާ ކްރެޑިޓް ގެރެންޓީ ކުރުމަށް. އެވެސް އުވާލީ އެމްޑީޕީ ސަރުކާރުން ނޫންތޯ؟

އޭގެއިތުރުން، ރާއްޖެއިން ޑޮލަރު ބޭރުވާ މިންވަރު މަދުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ތެޔޮ ގަންނަން މިހާރު ރާއްޖެއިން 600 ނުވަތަ 500 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސޯލާ ސިޓީއެއް ގާއިމުކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރު ކުރުމަށް ކުރާ މަސައްކަތުން އެ ޚަރަދުން ބަޔެއް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި ޗައިނާގެ ފައިސާއިން ޕޭމަންޓު ދެއްކުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް އެންމެ އަވަހަށް ފެށޭނީ އިންޑިއާއިން ކަމަށެވެ. އެގޮތުން، އެ ހުރިހާ މަސައްކަތްތަކެއް ނިމުމުން ޔޫއެސް ޑޮލަރަށް އޮތް ޕްރެޝަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.

https://sun.mv/196038

އެގޮތުން، މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 3،322 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް