ބިދޭސީން ބައިތިއްބާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން އިލްތިމާސްކޮށްފި

ރައްކާތެރިކަން ކުޑަކޮށް ބިދޭސީން ދިރިއުޅޭ ތަނެއް: ބިދޭސީން ބައިތިއްބާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ އިމިގްރޭޝަންސް

ބިދޭސީ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަންދޭއިރު އެއީ އެކަށިގެންވާ ރައްކާތެރި ތަނެއްތޯ ކަށަވަރުކުރަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްއާން ވަހީދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ނުގަވާއިދުން އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނާއި ގަވާއިދާ ހިޅާފަށް އުޅޭ ބިދޭސީންނަށް ތަންތަން ކުއްޔަށް ދޫކުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން މި ފަހުން ވަނީ ބުނެފައެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ، ދިވެހިރާއްޖެއަށް އެކިއެކި މަސައްކަތްކުރަން ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ އެ ފަރާތްތައް ރާއްޖެއަށް ގެންނަ އެމްޕްލޮޔަރުގެ ޒިންމާއެއް ކަމަށެވެ.

އެހެންވެ، އާންމު ސަލާމަތަށް ނުރައްކާ ނުވާނެ ގޮތަށް އެ މީހުންގެ ކަންކަން އިންތިޒާމުކުރަން ޝައްމާން ވަނީ އިލްތިމާސްކުރައްވައިފައެވެ. އޭނާ ވަނީ މިފަދަ ތަންތަނުގައި ކެއްކުން ފަދަ ކަންކަން ކުރިއަށްގެންދާއިރު ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް ވެސް އެދިފައެވެ.

އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި އިދާރާތައް ގުޅިގެން މިހާރު އަންނަނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންނަ ބިދޭސީން އަތުލައިގަނެ، އެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މިދިޔަ މަސް ނިމުނުއިރު 3،322 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ވެސް ހޯމްލޭންޑް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

comment ކޮމެންޓް