ސައިކަލެއްގެ މަޑިދަށުން 4 ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއެއް ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު: ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ބިދޭސީއެއް ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައިކަލެއްގެ މަޑި ދަށުގައި ބަހައްޓާފައި ހުރި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީ މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އުމުރުން 45 އަހަރުގެ ޖަހަންގިރު އާލަމްއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އޭނާ ސައިކަލެއްގެ މަޑިދަށުގައި ބަހައްޓާފައި ހުރި 4،42،750 ރުފިޔާ (ހަތަރު ލައްކަ ސާޅީސް ދެހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އަދި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އެއާގުޅޭ ސްނެޕްޝޮޓް ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.

އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކުރުމަށްފަހު، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ނަމަވެސް އޭނާގެ މައްޗަށް އިއްޔެއިން ފެށިގެން 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.

comment ކޮމެންޓް