މިހާރު ހާމަވަމުން އަންނަ މަންޒަރުތަކުން ފެންނަނީ ސަރުކާރު ތެރެއިން ބަޣާވާތެއް ކުރަން އުޅޭ މަންޒަރުކަމަށާއި އެ ފަދަ ކަމެއް ކުރަން އުޅެނީ އިދިކޮޅުން ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މާލީ ބަޣާވާތެއް ހިންގަން އުޅުނުކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މިއަދު އެމްޑީީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، ސަރުކާރުން ދެއްކި އެ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ދައްކައިގެންވާނެ ވާހަކައެއް ނޫންކަމަށެވެ.
އެގޮތުން، އެއީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ހިންގި ބަޣާވާތެއްގެ ގޮތުގައި ސަރުކާރުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރި ތުހުމަތުތަކަށް ވެސް ފައްޔާޒުވަނީ ރައްދު ދެއްވައިފައެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ފޮޮޓޯ/ އެމްޑީޕީ
ފައްޔާޒު ވިދާޅުވީ، ޑޮލަރު ލިމިޓް މައްސަލައިގައި އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން އާންމުކުރި ވަގުތާއި، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރާވައިގެން ކުރި ކަމެއްކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.
ސަބަބަކީ އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމަކީ މާ ދުރާލައި އިޝްތިހާރުކޮށް، އޮންނާނެކަން އަންގައިގެން ތައްޔާރުވެގެން ބޭއްވި ބައްދަލުވުމަކަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު ފައްޔާޒު ވިދާޅުވީ، ބޭންކުގެ ނިންމުމަކީ ބަޣާވާތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރަން އުޅުނު އުޅުމުން ހާމަވާ އެއް ކަމަކީ ސަރުކާރު ތެރޭގައި ގޯސްތަކެއް އޮތްކަން ކަމަށެވެ. އަދި، ފެންނަނީ ސަރުކާރުން އަމިއްލައަށް ބަޣާވާތެއް ކުރަން ރާވާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި އޭގެ އިތުރުން އަޅުގަނޑުމެންނަށް ފާހަގަވާ އެއްކަމަކީ އެ ބޭފުޅުންގެ އެތެރޭގައި ގޯސްތަކެއް އުޅޭކަން. އެ ބޭފުޅުންގެ އެތެރޭގައި ގޯސްތަކެއް އުޅޭކަން، އަމިއްލައަށް ކުރިއަށްހުރި ދުވަސްތަކުގެ ތެރޭގައި ބަޣާވާތެއް ކުރާތަން ފެންނަނީ،" ފައްޔާޒު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ އަމަން ލަތީފު
ފައްޔާޒު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނޭހެން ސަރުކާރުގެ ވެރިން ބީއެމްއެލްގެ ނިންމުމާ ގުޅޭގޮތުން ދެއްކި ވާހަކަފުޅުތަކަކީ މާލީ ނިޒާމު އެއްކޮށް ފުނޑޭވަރުގެ ވާހަކަފުޅުތައް ކަމަށެވެ.
"މިއަދު ދައުލަތުގެ އިސްވެރިޔާ ނުކުންނަވާ އެ ބޭފުޅާގެ ކޮންޓްރޯލް އޮތް ބޭންކަކުން އެ ބޭފުޅާގެ ވެރިކަން ބަދަލުކުރަން އޮޕޮޒިޝަނާ އެކު މަސައްކަތްކުރީއޭ ބުނީމާ އަނެއްކާ ވެސް ބޭންކް އޮފް މޯލްޑިވްސް ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް ދުނިޔޭގެ މާލީ ނިޒާމު ތެރޭގަައި މި އެޅުނީ،" ފައްޔާޒު ވިދާޅިުވިއެވެ.
މިއީ ބީއެމްއެލާ މެދު ބައިނަލްއަގުވާމީ އިދާރާތަކާއި ބޭންކުތަކުން ކުރާ އިތުބާރު ގެއްލޭނެ ކަމެއްކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
ރޭ ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން އެ މަސައްކަތް ކުރީ ވަރަށް ދުރާލާ ރާވައިގެންނެވެ. އެ ގޮތުން، ކައިރި ބައެއް ގައުމުތަކުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމުގެ މިސާލު ދައްކައިގެން ހިތްވަރުދިނުމަށް މަސައްކަތްތަކެއް އެ ޕާޓީން ކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި އިދިކޮޅުން ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ފުލުހުން ރޭ ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.
ބަޣާވާތުގެ ވާހަކަ ދެކެވެމުން އަންނައިރު, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ ވަނީ މިއަދު ހެނދުނު އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.