އެމެރިކާގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް ޓްރަމްޕް އަދި ބައިޑެން އާއި ހެރިސްގެ ކެމްޕޭނަށް ވަޓްސްއެޕު މެދުވެރިކޮށް އީރާނުގެ ހެކަރުން އަމާޒުކުރި ސައިބާ ޙަމަލާ ހުއްޓުވައިފިކަމަށް އެ ޕްލެޓްފޯމްގެ ބެލެނިވެރި ކުންފުނި މެޓާއިން ބުނެފިއެވެ.
މެޓާ ކުންފުނިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީރާން ސަރުކާރާ ގުޅުންހުރި ކަމަށް ބެލެވޭ ހެކަރުންގެ ކުޑަ ގްރޫޕެއްގެ ވަޓްސްއެޕް އެކައުންޓްތަކެއް އެފަދަ ކަމަކަށް ޝައްކު ކުރެވިގެން ބަންދުކޮށްފިކަމަށެވެ.
މި އެކައުންޓްތަކުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިހާރުގެ ރައީސް ޖޯ ބައިޑެންއާއި ނައިބް ރައީސް ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕޭނުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ޙަމަލާ ދޭން މަސައްކަތްކޮށްފައިވާކަމަށް މެޓާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ބުނެފައިވަނީ އީރާނާ ގުޅުންހުރި ހެކަރުން މީގެ ކުރިންވެސް ޓްރަމްޕް އަދި ބައިޑެންގެ ކެމްޕޭނުތަކަށް ޙަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ދެ ޙަމަލާގައި ގުޅުމެއް އޮތްކަން އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.
ޝައްކު ކުރެވިފައިވާ ހެކަރުންގެ މިގްރޫޕަށް ހުޅަނގުގެ ސައިބަރ ސެކިއުރިޓީ ދިރާސާވެރިން ދީފައިވާ ނަންތަކަކީ އޭޕީޓީ42 އަދި ޔޫއެންސީ 788 އަދި މިންޓް ސޭންޑްސްޓޯމް އެވެ. މި ގްރޫޕުން ބޭނުންކުރަނީ ސީދާ ސޯޝަލް އިންޖިނިއަރިންގެ ހީލަތްތެރި އުކުޅުތައް ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.
މެޓާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހެކަރުންގެ އެހެން ޓާގެޓުތަކުގެ ތެރޭގައި މެދުއިރުމަތީގެ ބައެއް ފަރާތްތަކާއި، ސަޢޫދީ އަރަބިއްޔާގެ ސިފައިނާއި، އިޒްރޭލު އަދި އީރާނުގެ އިންސާނީ ޙައްޤުތަކުގެ ޙަރަކާތްތެރިނާއި، އީރާނާ ބެހޭގޮތުން ދިރާސާކުރާ ތަޢުލީމީ ބޭފުޅުންގެ އިތުރުން އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކްޓިވިސްޓުންނާއި ނޫސްވެރިން ހިމެނެއެވެ.
މި ހެކަރުންގެ އެކައުންޓްތަކުން ތަމްސީލުކޮށްފައިވަނީ އޭއޯއެލް، ގޫގުލް، ޔަހޫ އަދި މައިކްރޯސޮފްޓްގެ ޓެކްނިކަލް ސަޕޯޓް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މެޓާއިން ބުނާގޮތުގައި މި ހެކަރުންގެ ޙަމަލާތަކަށް ވަރަށް އަވަހަށް އެޓެންޑް ވެވުމުގެ ނަތީޖާއެއްގެގޮތުން، "އޭޕީޓީ42" ގްރޫޕަށް އެމީހުން އަމާޒުކުރި އެކައުންޓްތައް ހެކްކުރުމުގައިވަނީ ނާކާމިޔާބު ކޮށްލެވިފައެވެ.
ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން މިފަދަ ނުރައްކަލުގެ މާޙައުލެއް އޮތުމާއެކު، މެޓާއިން ވަނީ ބައިޑެން އަދި ޓްރަމްޕްއަށް އަމާޒުކުރި ފިޝިންގ މަސައްކަތްތަކާ ގުޅޭގޮތުން އެމެރިކާގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް މަޢުލޫމާތު ދީފައެވެ.
މެޓާއިން ޢާންމުންނަށް އިލްތިމާސްކޮށްފައިވަނީ ސައިބާ އަދި ޖާސޫސްކުރުމުގެ އެއްވެސް ކަމަކަށް ޝައްކުކުރެވިއްޖެނަމަ އެކަމަކަށް ވަރަށް ފަރުވާތެރިވެ، ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުމަށެވެ.