ޕްރެޝަރު ބޮޑުވުމުން ބީއެމްއެލްގެ ނިންމުން ބަދަލުކޮށްފި، ޑޮލަރު ލިބޭނެ

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: --- ސަން ފައިލް ފޮޓޯ

ޕްރެޝަރު ބޮޑުވުމުން، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމި ނިންމުން ބަދަލުކުރަން މިއަދު އަނެއްކާ ވެސް ނިންމައިފިއެވެ.

ބީއެމްއެލުން މިއަދު ވަނީ ރުފިޔާ ކާޑުތަކަށް ދެމުންއައި ޑޮލަރު ދިނުން އެއްކޮށް ހުއްޓާލަން ނިންމައިފައެވެ. އެ ނިންމުމާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް، ބޭރުގައި ކިޔަވާ ދަރިވަރުން އައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބީއެމްއެލްއިން މިއަދު ހެނދުނު ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

ބީއެމްއެލުން ހެނދުނު ނިންމީ:

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދެއް ނުލިބޭނެ
  • މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވެސް ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ނުލިބޭނެ
  • މިހާރު ދޫކޮށްފައިވާ ސްޓެންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ވެސް މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރު

މި ކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ، ބޭންކަށް ވިއްކޭނީ އެ ބޭންކަށް ގަންނަން ލިބޭ ޑޮލަރު ކަމަށެވެ.

އެކަމަކު، އެ ނިންމުން އަލުން ބަދަލުކޮށް، ކުރިން ދޫކުރި އުސޫލުން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރަން ވަނީ ނިންމައިފައެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކްގެ ރެގިއުލޭޓަރު، މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދާ އެއްގޮތަށް ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން މިއަދު ނިންމި ނިންމުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، ކުރިއެކޭ އެއްގޮތަށް ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން 250 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެއެވެ. އަދި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވެއެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައެވެ.

އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1،200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރިއެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެއެވެ.

ބީއެމްއެލްގެ ބޯޑުން މިއަދު ރުފިޔާ ކާޑަށް ޑޮލަރު ކަނޑާލަން ނިންމިއިރު، އެ ބޭންކަށް 42 އަހަރު ޚިދުމަތް ކުރައްވާފައިވާ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރަން ނިންމައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އޭނާއަށް ސިޓީއެއް ފޮނުވައިފައެވެ.

އެހެންނަމަވެސް، ބީއެމްއެލްއަކީ ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމުން، އެ ކުންފުނީގެ ބޯޑު މެންބަރުން ވަކި ކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެ ބޭންކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން އޭރު ވަކިކުރި ނަމަވެސް ފަހުން އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ވަނީ މަގާމަށް އައްޔަންކޮށްފައެވެ.

ރާއްޖޭގައި މިހާރު ޑޮލަރެއް ހުރީ 19 ރުފިޔާއިން މަތީގައެވެ.

comment ކޮމެންޓް