ޝަމީމަށް ދިން ހަމަލާ: ހަތް މީހަކަށް، ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ

ޕީޖީ ޝަމީމަށް ދިން ހަމަލާގެ މައްސަލައިގައި ދައުވާކުރާ ހަތް މީހުންގެ: ދައުވާކޮށް، ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައި -- ފޮޓޯ/ ފުލުހުން

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމަށް ހަމަލާ ދިން މައްސަލާގައި ތުހުމަތުކުރެވޭ ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައި ވަނީ އެދި މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅުވައި ޕީޖީ އޮފީހުން މިއަދު ބުނީ، ހައްޔަރުކޮށްފައިވާ ހަތް މީހުން މައްޗަށް ދައުވާކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، ޕީޖީ އޮފީހުން ވަނީ ހައްޔަރުކޮށްފައިވާ ހަތް މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:

  • ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި
  • ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި
  • އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި
  • ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ
  • މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި
  • މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން
  • އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

ޕީޖީ އޮފީހުން މި މައްސަލާގައި މިދުހަތުގެ މައްޗަށް ދައުވާ ކުރަނީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެއެވެ. މިދުހަތު ގޮވައިގެން ޖަޒްލާން ގޮސްފައިވާތީ އޭނާގެ މައްޗަށް ޕީޖީން ދައުވާކޮށްފައިވާއިރު، މައިސާންގެ މައްޗަށް ދައުވާ ކުރީ ޝަމީމަށް ހަމަލާ ދިން މީހުން ބޭނުން ކުރުމަށް ސައިކަލެއް ހޯދައިދިން ކަމަށްވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

https://sun.mv/195760

މީގެއިތުރުން، އެ މައްސަލާގައި ތުހުމަތުވާ ބާކީ ހަތަރު މީހުންނަށް އެ އޮފީހުން ދައުވާ ކޮށްފައި ވަނީ ޝަމީމަށް ހަމަލާ ދިނުމަށް ރާވައި، ހަމަލާ ދިން ވަގުތު އެ ސަރައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބުމަށް ފަހު، އެ ސަރަހައްދުން ގޮސްފައިވާތީ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެ މީހުން ކޯޓު އަމުރުގެ ދަށުން އެކި ދުވަސް މަތިން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.

ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވާއަތުގައި ރެނދުލާފައިވުމުން މީގެ ކުރިން ވަނީ ފަރުވާދީފައެވެ. އެ ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

https://sun.mv/195837

ރައްޔިތުންގެ މަޖިލީހުން ވަނީ، ޑިސެމްބަރު 8، 2019ގައި ޕީޖީ ކަމަށް އައްޔަން ކުރި ޝަމީމް، މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް