ފުލުހުންނަށް ނުކިޔަމަންތެރިވާ މައްސަލަތަކުގައި ހެކި ލިބިފައިވާނަމަ ހެކި ހުށަހަޅަން އަންގައިފި

ކްރިމިނަލް ކޯޓު: ކޯޓުން ވަނީ ނުކިޔަމަންތެރިވާ މައްސަލަތަކުގައި ހެކި ހުށަހެޅުމަށް އަންގައިފަ: ފޮޓޯ: ރައީސް އޮފީސް

ފުލުހުންނަށް ނުކިޔަމަންތެރިވާ މައްސަލަތަކުގައި ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނާނަމަ، އެ ހެކި ދެން އަންނަ ޝަރީއަތުގެ މަޖިލީހެއްގައި ހުށަހަޅަން ފުލުހުންނަށް ކްރިމިނަލް ކޯޓުން އިއްޔެ އަންގައިފިއެވެ.

ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހުން ހައްޔަރުކުރިއިރު، އެތަނުން ހައްޔަރުކުރި 22 އަހަރުގެ ފިރިހެން މީހާގެ ބަންދު އިއްޔެއަށް ހަމަވާތީ ބަންދު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.

ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުން އެ މީހާ ހުއްޓުވަން އުޅުނު ވަގުތު ކުރިމަތިލުމެއް ހިނގިއެވެ. އަދި އޭނާ ހައްޔަރުކޮށް ފުލުހުންގެ އުޅަނދުގައި ގެންދަނިކޮށް ފުލުހަކަށް ހަމަލާދިން ކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ގާޒީ ޞަފްޢަތު ޙަބީބު ނެރުއްވި އަމުރުގައިވަނީ، ފުލުހުންނަށް ނުކިޔަމަންތެރިވެ ފުލުހުންނަށް ހަމަލާދޭ މައްސަލަތަކުގައި ޝަރީއަތުގައި އޮންނަނީ ފުލުހުންގެ ބަހާއި ތުހުމަތުވާ މީހުންގެ ބަސް އެކަނިކަމުގައިވާ ނަމަ، ވަކިގޮތަކަށް ބުރަވާން ޝަރީއަތަށް އުނދަގޫވާ ހާލަތްތައް ދިމާވާ ކަމަށެވެ.

އެފަދަ ހާލަތްތަކުގައި ފުލުހުންގެ ބަހަށް ޝަރީއަތުން ބުރަވިކަމުގައިވިޔަސް، ސީސީޓީވީ އާއި ބޮޑީވޯން ކެމެރާ ފުޓޭޖު ހުރި ނަމަ އެފަދަ ހެކިތައް ހުށަހެޅުމަށް ގާޒީ ވަނީ އަންގަވައިފައެވެ.

https://sun.mv/215833

މި މައްސަލައިގައި 22 އަހަރުގެ މީހާގެ އިތުރުން 19 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކުރިއެވެ.

އޭގެ ތެރެއިން 19 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 30 އަހަރުގެ މީހާ ބަންދުކުރީ ދެ ދުވަހަށެވެ.

comment ކޮމެންޓް