ޕީޖީ ޝަމީމަށް ދިން ހަމަލާ: 7 މީހުންނަށް ދައުވާކުރަން ފޮނުވައިފި

ޕީޖީ ޝަމީމަށް ދިން ހަމަލާގެ މައްސަލައިގައި ދައުވާކުރާ ހަތް މީހުންގެ: ދައުވާކޮށްދޭން އެދި އެ މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފައި -- ފޮޓޯ/ ފުލުހުން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ހަތް މީހުންގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31ގެ ހެނދުނު ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ، ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުން ވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:

  • ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި
  • ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި
  • އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި
  • ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ
  • މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި
  • މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން
  • އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

ފުލުހުން މީގެ ކުރިން ބުނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ. އެ މީހުން ކޯޓު އަމުރުގެ ދަށުން އެކި ދުވަސް މަތިން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.

ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވާއަތުގައި ރެނދުލާފައިވުމުން މީގެ ކުރިން ވަނީ ފަރުވާދީފައެވެ. އެ ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް