ހިޒްބުﷲއިން 300 އަށްވުރެ ގިނަ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް

ދެކުނު ލުބްނާން (25 އޮގަސްޓް 2024): އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން މިއަދު ހެނދުނު އިސްރާއީލަށް ވައިގެ ވަރުގަދަ ހަމަލާތަކެއްދީފިއެވެ.

މި ހަމަލާތައްދިނީ ރޮކެޓާއި މިސައިލާ އަދި ޑްރޯން ބޭނުންކޮށްގެންނެވެ.

ހިޒްބުﷲ ބުނާ ގޮތުން ހަމަލާތަކުގެ އަމާޒަކީ އިސްރާއީލުގެ ޙައްސާސް އަސްކަރީ މަރުކަޒެކެވެ. އެ މަރުކަޒަށް ހަމަލާތައް އެރި ކަމަށާއި އެ މަރުކަޒުގެ ނަމާއި އެ ތަނަށް ލިބުނު ގެއްލުންތައް ހޯދުމަށް ފަހު ކަމާބެހޭ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ހިޒްބުﷲއިން ނެރުނު ބަޔާނެއް ބުނެއެވެ.

މި ބަޔާން ބުނާގޮތުން އިސްރާއީލަށް ދިން މި ހަމަލާތަކަކީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އިސްރާއީލުން ލުބްނާނަށް ކުއްލި ހަމަލާތަކެއްދީ ހިޒްބުﷲ ގެ އިސްވެރިއެއް ކަމަށްވާ ފުއާދު ޝުކުރު ޝަހީދުކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން ދިން ފުރަތަމަ ހަމަލާއެވެ. މީގެ އިތުރުން، ހަމަލާތައް އިސްރާއީލަށް ދޭނެކަމަށް ހިޒްބުﷲ ގެ ބަޔާން ބުނެއެވެ.

ހިޒްބުﷲ އިން ބަދަލު ހިފާނެކަމަށް ބުނެ އިންޒާރު ދެމުންގެންދާތީ އިސްރާއީލު އޮންނަނީ މި ކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ބޭރުގެ ގިނަ ގައުމުތަކުގެ އެއާލައިންތަކުން ވެސް ފާއިތުވި 25 އަކަށް ދުވަހުގެ ތެރޭގައި ވަނީ އިސްރާއީލަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލާފައެވެ.

އިސްރާއީލުގެ މައި އެއާޕޯޓާއި އެ ނޫން ވެސް ގިނަ އެއާޕޯޓްތަކުގެ ހަރަކާތްތައް ގާތްގަނޑަކަށް ހުއްޓިފައިވާތާ ވިއްސަކަށް ދުވަސް ވެފައިވާއިރު މި މުއްދަތުގައި އިސްރާއީލުގެ އުތުރުގެ ސަރަހައްދުގައި ދިރިއުޅޭ މީހުން އަބަދު ކަހަލަ ގޮތަކަށް ދިރިއުޅެން ޖެހިފައިވަނީ ބިންގަރާސްތަކުގައެވެ.

ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށި ފަހުން އިސްރާއީލުގެ އުތުރުގެ އެތައް ސަތޭކަ ވިލެޖަކުން މީހުން ވަނީ ރައްކާތެރި ތަންތަނަށް ގޮސްފައެވެ. މިއާ އެކު އެ ތަންތަންވަނީ ފަޅުވެފައެވެ.

ހިޒްބުﷲ ގެ އެކި ހަމަލާތަކުގައި އެވިލެޖްތަކުގެ ބޮޑުބައެއްވަނީ ފުނޑާލާފައެވެ. އެހެންކަމުން އިސްރާއީލުގެ އުތުރު ސަރަހައްދުގެ ބޮޑުބައެއް މިހާރުވަނީ ފުނޑުފުނޑުވެފައެވެ. އެ ތަންތަނުގައި ދިރިއުޅުނު ދެ ލައްކަ އެއްހާމީހުން އުޅެނީ ރައްކާތެރި ތަންތަނުގައި ފޭލިގެތައް ޖަހައިގެން ރެފިއުޖީންގެ ގޮތުގައެވެ.

އިސްރާއީލުން ވެސް ވަނީ މިއަދު ހެނދުނު ހިޒްބުﷲ ގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލުގެ އުތުރަށް އަމާޒުވިކަމަށް އެއްބަސްވެފައެވެ. ނަމަވެސް، ހަމަލާތަކުގައި ލިބުނު ގެއްލުންތައް މާ ބޮޑަށް ހާމަކޮށްފައެއްނުވެއެވެ. އިސްރާއީލުގެ މީޑީއާ ބުނާގޮތުން ހިޒްބުﷲ ގެ ހަމަލާތަކުގައި އެތައް ތަނެއްގައި އަލިފާންރޯވެ، ގިނަ އަދަދެއްގެ ބަޔަކުވަނީ ޒަޚަމުވެފައެވެ.

އިސްރާއީލު ބުނާގޮތުން ހިޒްބުﷲ ގެ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ 100 އަށްވުރެ ގިނަ އަސްކަރީ ފައިޓާޖެޓްތަކުންވަނީ ލުބްނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ ތަފުސީލު އަދި ހާމަވެފައެއް ނުވެއެވެ.

މުހައްލިލުން ބުނާ ގޮތުގައި ހިޒްބުﷲއިން 300 އަށް ވުރެ ގިނަ ރޮކެޓާއި މިސައިލް އަދި ޑްރޯނުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެހާ ބާރުގަދަ މިސައިލްތައް ބޭނުންކޮށްފައެއް ނުވެއެވެ. ހިޒްބުﷲ ގެ އަތުގައި އިސްރާއީލުގެ ކޮންމެ ތަނަކަށް ހަމަލާދެވޭވަރުގެ ސޮފިސްޓިކޭޓެޑް މިސައިލް ހުރިކަމަށްވެއެވެ. ނަމަވެސް، މި ހަމަލާތަކުގައި އެ ވަރުގެ މިސައިލް ބޭނުންކޮށްފައެއް ނުވެއެވެ.

އިސްރާއީލަށް ހަމަލާ ދިނުމަށް މައިގަނޑު ގޮތެއްގައި ހިޒްބުﷲ ބޭނުންކުރީ ކުރު ރާސްތާގެ ކެޓްޔުޝާ މިސައިލް ކަމަށްވެއެވެ.

comment ކޮމެންޓް