ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު އައްޔަނުކުރައްވައިފި

ޕީއެސްއެމްގެ އާ އެމްޑީ މުހައްމަދު ސައީދު -- ފޮޓޯ/ މިހާރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ގ. ދިލްކަޝް، މުހައްމަދު ސައީދު ރޭ އައްޔަނުކުރައްވައިފިއެވެ.

ސައީދު، އެ މަގާމަށް އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިއްޔެ އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ރޭ އައްޔަނުކުރެއްވިކަން ސައީދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ސައީދަކީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީކަމާއި ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، އާސަންދަ ކުންފުނީގެ ބޯޑު މެންބަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސައީދު ވަނީ މީގެ ކުރިން ޓީވީއެމްގެ ހެއްވާ މަޖާ ޑްރާމާތަކުގައި އެކްޓު ވެސް ކޮށްފައެވެ.

އޭނާ ވަނީ މީޑިއާ ދާއިރާއިންނާއި ތައުލީމު ހާސިލުކޮށް، ޑިޕްލޮމާ އިން އެޑްވާންސް ޓެލެވިޜަން ޕޮރޮޑަކްޝަން އެންޑް ޑިރެކްޝަން ޓެކްނީކްސް ކޯސް ފުރިހަމަކުރައްވާފައެވެ. އަދި، އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގުރީ ހާސިލުކުރައްވާފައެވެ.

ޕީއެސްއެމްގެ އެމްޑީކަމުން ޒީނާ އިއްޔެ އިސްތިއުފާދެއްވި ނަމަވެސް ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ.

comment ކޮމެންޓް