ކަންބޮޑުވެ ހާސްވެފައި ތިބި މުސްކުޅި ދެމަފިރީން

ބަލިމީހަކަށް ކްރިޓިކަލް ކެއާގައި ފަރުވާ ދެނީ -- ފޮޓޯ / ޕާކްހޮސްޕިޓަލް.އައިއެން

ލަފާ ކުރެވޭގޮތުން އެއީ އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ ދެމީހުންނެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާނީ ހަސްފަތާލުގެ ހިތުގެ ފަރުވާއާ ބެހޭ ބައިގައި ތިބިއިރު ކަރުދާސްތަކުން ބަރާކޮށްފައިވާ ފައިލެއް އެކަކު އަތުގައި އޮތެވެ. ދެމީހުންގެ މޫނުމަތީންވެސް ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އެމީހުންގެ ހަރަކާތްތައް ހުރިގޮތުން، އެތަނަށް އެމީހުން ދިޔަޔަސް ހަދާނެ ނުހަދާނެގޮތެއް ނޭނގިގެން އުޅޭކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

ކުޑަކޮށް އެމީހުންނާ ކައިރިވެލާފައި، ކުރަން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކޮށްލީމެވެ. އަތުގައި އޮތް ކަރުދާސްގަނޑެއް ދައްކައިލަމުން 'މިއައީ ދައިގެ ޓެސްޓެއް ހަދަން' ކަމަށް ބުންޏެވެ. އަދި އެއީ އެމީހުން އާއްމުކޮށް ދައްކާ (އެހެން ތަނެއްގެ) ޑަކުޓަރު ހަދަން ބުނި ޓެސްޓެއްކަމަށާއި އެ ޓެސްޓު އެންމެ އަވަހަށް ހެދޭނީ އެ ހަސްފަތާލުންނޭ ބުނެފައިވާކަމަށް ކިޔައިދިނެވެ.

އެވަގުތު އެތަނުން ފެނުނު ބިދޭސީ ނަރުހަކަށް ގޮވައިލައިފައި ވެގެން އުޅޭގޮތް ކިޔައިދިނުމުން، އެ ކަރުދާސްގަނޑު ދިނުމަށް އެދުނެވެ. އަދި ކައުންޓަރަށް ގޮސް ރަޖިސްޓްރީކުރުމަށްފަހު ލޭގެ ޕުރެސަރު ބަލާފައި އައުމަށް ބުނެފިއެވެ. ނަރުސް ވާހަކަ ދައްކާއިރު އެ ދެމަފިރީން ހައިރާންކަމާއެކު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އަދި ވާހަކަ ދައްކައި ނިމުނީމައި، 'އެބުނީ ކީކޭ' ތޯ ސުވާލު ކުރިއެވެ. އޭނާ ބުނި އެއްޗަކާއި ހަދަންވީގޮތް ކިޔައިދީ ދާންވީ ތަން ދެއްކުމުން އެގޮތަށް ކަންތައް ކުރިއެވެ.

އޭގެ އިރުކޮޅެއްފަހުން އެއްކަލަ ކަރުދާސްގަނޑު ހިފައިގެން ނަރުސް އަތުވެއްޖެއެވެ. ދެން ވާންވީގޮތް ވަރަށް ހަލުވިކަމާއެކު އޭނާ ކިޔައިދިނެވެ. އަނެއްކާވެސް ކަންބޮޑުވުމާއި ހާސްކަމާއެކު 'އެބުނީ ކީކޭ' ތޯ ދައިތަ ސުވާލުކުރިއެވެ. ދައިތަގެ ޕުރެސަރު ވަރަށް ބޮޑަށް މަތިކަމަށާއި އެހައި މަތިކޮށް ހުއްޓައި އެ ޓެސްޓު ނުހެދޭނެކަމަށް ނަރުސް ބުންޏެވެ. އަދި ދައިތަ ބަލާ ޑަކުޓަރާ އަލުން ބައްދަލުކޮށް އެވާހަކަ ދެންނެވުމަށާއި އޭނާގެ އިރުޝާދާއެކު ފަހުން އަންނާށޭ ބުންޏެވެ. އަދި އާއްމުކޮށް ދައިތަ ބަލާ ޑަކުޓަރާ (އަވަހަށް) ބައްދަލުނުކުރެވޭނަމަ އެހެން ޑަކުޓަރަކަށް ދެއްކިޔަސް ރަނގަޅުވާނެކަމަށްވެސް އޭނާ ބުންޏެވެ.

ނަރުސް ދެއްކި ވާހަކަތައް އެމީހުންނަށް ކިޔައިދެމުން ދިޔައިރު އެ ދެމަފިރީންގެ މޫނުމަތީގެ ހާސްކަން އިތުރުވަމުންދާކަން ފާހަގަވިއެވެ. ތަޙައްމަލުކުރަމުންދާ ބަލީގެ ބާވަތުންނެވެ. އެ މުސްކުޅި އުމުރުގައި 'ގާތް އެހީތެރިއަކާނުލައި' ޑަކުޓަރަށް ދައްކަންޖެހުމާއި އެކަމަށް ޓަކައި އުފުލާންޖެހޭ ތަކުލީފުގެ ބޮޑުކަމުންނެވެ. ފަރުވާއަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ނުނިމި ދިގުލައިގެން ދާތީ ލިބޭ މާޔޫސްކަން ވެސް އޮތުމުންނެވެ.

ފުން ނޭވާއަކަށްފަހު ދައިތަ ވާހަކަ ދައްކާންފެށިއެވެ. 'ކޮއްކޯއެވެ. މިއިން ތަނަކަށް ވަނަސް ލޭ މައްޗަށް ދެއެވެ. މި ޓެސްޓު ނުހެދިގެން މި އުޅެނީވެސް އެހެންވެގެންނެވެ. ކޮންމެ ފަހަރަކުވެސް ވަނީ މިހެންނެވެ. ޓެސްޓު ހަދަން އައުމުގެ ކުރީން ޕުރެސަރު ދަށްކޮށް ހުއްޓަސް ހޮސްޕިޓަލަށް ވަނުމުން ބިރުގަނެ ހާސްވުމުން ލޭވެސް މައްޗަށް ދަނީއެވެ. މިތަންތާ ތިބޭ (ބޭރު) މީހުން ދައްކާ ވާހަކައެއް ދައިތަމެންނަކަށް އެނގެނީއެއްނޫނެވެ. އަނެއްކާ ދައިތަ ބަލާ ޑަކުޓަރާ ބައްދަލުކުރަންވެސް ފަސޭހައެއް ނުވާނެއެވެ. އަވަހަކަށް ނަންބަރެއްވެސް ނުލިބޭނެއެވެ. .... ' އެ ވާހަކައާ އެއްބަސްވާ މޭރުމުން ދައިތަގެ ފިރިމީހާވެސް މާޔޫސްކަމާއެކު ބޯޖަހައިލަޖަހައިލައި ހުއްޓެވެ.

އިތުރަށްވެސް ކިތަންމެ ވާހަކައެއް ދެއްކުމަށްފަހު ޝުކުރު އަދާކޮށް ހިނިތުންވެލާފައި އެ ދެމަފިރީން ހިނގައްޖެއެވެ. އެންމެ ފުރިހަމައަށް ނޫނަސް، އެމީހުންނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ވެދެވުނުކަމުގެ ހިތްހަމަޖެހުމާއެކު ޝަކުވާގެ ފުނިވަރެއް ހިތުގައި ހިނގާން ފެށިއެވެ.

މާލެއިން ދެކުނުގެ ވަރަށް ދުރު ރަށަކަށް ނިސްބަތްވާ އެ މުސްކުޅި ދެމަފިރީން އެކަނިމާ އެކަނި، ހަސްފަތާލަށް އަންނާންޖެހުނީ ކީއްވެބާއެވެ؟ އެމީހުންގެ ދަރީން ނުވަތަ ގާތް ތިމާގެ މީހަކު ނެތީބާއެވެ؟ ނޫނީ އެއިން ފަރާތެއްގެ އެހީތެރިކަމެއް އެ ދައިތަމެން ބޭނުން ނުވީހެއްޔެވެ؟ އުމުރުން ދުވަސްވިޔަސް ކުޅަދާނަކަން ހުރިނަމަ އެކަނި ތަންތަނަށް ގޮސްއައިސް އުޅުމުގެ އިޚުތިޔާރު ލިބިފައި އޮވެދާނެއެވެ. ނަމަވެސް ބަލާނެ ބަޔަކު ތިބިނަމަ އެފަދަ ތަނަކަށް އަދި ވަކީން ޚާއްސަކޮށް 'އެ ހަސްފަތާލަށް' އެ އުމުރުގެ ދެމީހުން އެކަނި ދާން ދޫކޮށްލެވިގެން ނުވާނެއެވެ.

ފުރަތަމަ ކަމަކަށް، އެތަނަށް ވަދެވުމާއެކު އެއީ 'ދިވެހީންނާ ބީރައްޓެހި' ތަނެއްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭނެއެވެ. މައި ކައުންޓަރުންނާއި ވަކިވަކި ކުލިނިކުތަކުގެ ކައުންޓަރުތަކުންވެސް ގިނައިން ބައްދަލުވާނީ 'އިނގިރޭސިން ވާހަކަ ދައްކާ' ބިދޭސީންނާއެވެ. ލެއާއި ބަރުދަންފަދަ ކަންކަން ބެލުމަށާއި ޓެސްޓުތައް ހަދަންވެސް ގިނައިން ތިބޭނީ ބިދޭސީންނެވެ. ކޮށި ދިވެހިން ފަހަރެއްގައި އެއްޗެއް ބުނެލިޔަސް އާއްމުކޮށް އެ މީހުން ވާހަކަ ދައްކާނީ އިނގިރޭސިންނެވެ. ބިދޭސީ ޑަކުޓަރުންގެ ގާތުގައި ތަރުޖަމާނުން ތިބޭކަމެއް އެނގިފައެއްނެތެވެ. އަދި އެފަދަ މަންޒަރެއް ފެނިފައެއްވެސް ނެތެވެ. މިރާއްޖޭގެ ގިނަ މީހުންނަށް އިނގިރޭސި ބަސް އެނގޭނެކަމަށް ބައެއްމީހުން ބުންޏަސް، އެކަށީގެންވާ މިންވަރަކަށް އެ ބަސް ނުދަންނަ މީހުން އަދިވެސް ވަރަށް ގިނަކަން އެއީ ހަގީގަތެކެވެ. ނަމަވެސް ބަޔަކަށް އިޚުލާސްތެރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އަމިއްލަ މަންފާ އިސްކުރާ ފަރާތްތަކުން މި ހަގީގަތް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

ހަމަ މި ހަސްފަތާލުން ދިމާވި އެހެން ކަމެކެވެ. އުމުރުން ދުވަސްވީ މީހަކު އެތަނުގެ ބޭސްފިހާރައަށް ގޮސް ހަދަންވީ ކިހިނެއްކަން ނޭނގިފައި ހުއްޓައި، އޭނާއަށް މަގު ދައްކައިދިނީމެވެ. ނަމަވެސް ބޭސްކޮތަޅު އޭނާގެ އަތަށް ލިބުނު ވަގުތު ދިމާވީ މާ ހިތްދަތި ކަމަކާއެވެ. ކޮތަޅު ދިއްކޮށްލީ ބިދޭސީއެކެވެ. ބޭސްތަކާ ބެހޭ މައުލޫމާތު ކިޔައިދިނީ އިނގިރޭސި ބަހުންނެވެ. ބޭސްތައް ބޭނުންކުރަންވީ ގޮތް ލިޔެފައި ހުރީ އިނގިރޭސި ބަހުންނެވެ. ބުނާނެ ވަކި އެއްޗެއް ނޭނގި އަނގަ ހުޅުވިފައި ބޭސްކޮތަޅު ހިފައިގެން އޭނާ ހުއްޓެވެ.

ބޭރުގެ ބައެއް ހަސްފަތާލުތަކުން ފެންނަ ވަރަށް ހިތްގައިމު މަންޒަރެއް - މި ރާއްޖެއިން އަދި ދުށް ހަނދާނެއް ނުވެއެވެ. ބަލިމީހާ ހަސްފަތާލަށް ވަދެ ވާނުވާ ނޭނގިގެން އުޅޭންޖެހުމުގެ ކުރީން، އޭނާއަށް މަގު ދައްކައި އެހީތެރިވެދޭނެ މުވައްޒަފަކު މިރާއްޖޭގެ ހަސްފަތާލަކުން އަދި ނުދެކެމެވެ. 'ބޮޑެތި އަގުތައް ނަގާ ރީތި' ހަސްފަތާލުތަކުގައި، އެފަދަ ޚިދުމަތެއް ދެވޭނަމަ ކުރީން ބުނި މުސްކުޅި ދެމަފިރީންފަދަ މީހުން ވާނުވާގައި އުޅޭކަށް ނުޖެހުނީހެވެ.

މި ބަޔާންކުރި ހަސްފަތާލުގެ ކައުންޓަރުތަކުގައި ތިބޭ ގިނަ މީހުންގެ އަޅައިލުންތެރިކަންވެސް އެހައި ކުޑައެވެ. އެތަނަށް މީހުން ދާތީ އުނދަގޫވެއޭ ބުނާކަހަލައެވެ. އެތައް އިރެއްގެ އިންތިޒާރަށްފަހު ނަންބަރު ޖެހުނީމައި ދިޔަޔަސް އެމީހާއަށް ސަމާލުކަމެއް ނުދީ، އަމިއްލަ ފޯނާ ކުޅެން އެބަ ތިބެއެވެ. އަދި ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އެއްވެސް ޖަވާބެއް ނުދީވެސް ތިބެދާނެއެވެ.

ބުނެވިދިޔައީ އެންމެ ހަސްފަތާލެއްގެ ވާހަކަކަމަށްވިޔަސް، މިއީ ޞިއްހީ ޚިދުމަތް ފޯރުކޮށްދޭ ވަރަށް ގިނަ ތަންތަނުގެ ހާލަތު ހުރި ގޮތެވެ. ޚިދުމަތްތައް ފޯރުކޮށްދިނުމާއި ބަލިމީހުންނާ މުއާމަލާތުކުރުމުގެ ކަންކަން ވަރަށް ބޮޑަށް އިސްލާހުކުރަންޖެހޭ ތަންތަން ގިނައެވެ. ޚާއްސަގޮތެއްގައި، އިނގިރޭސި ބަސް ނުދަންނަމީހުން ހަސްފަތާލަށް ގޮސް، 'ބަސް ނޭނގުމުގެ ސަބަބުން' އެމީހުންނަށް ކުރިމަތިވާ އިތުރު ބަލިމަޑުކަމަށް އަވަސް ފަރުވާއެއް ބޭނުންވެއެވެ. ކުޑަކަމެއްކަމަށް ހީވިޔަސް، ޑަކުޓަރަށް ދައްކަންދާ ބަލިމީހާއަށް ނޭނގޭ ބަހުރުވައަކުން އޭނާއާ މުޚާތަބު ކުރެވޭއިރު، ތަރުޖަމާނަކުވެސްނެތްނަމަ ކުރިމަތިވާ އުނދަގޫކަން އިތުރުވާނެއެވެ. އަސްލުގައި، ކުރީން ބަޔާންކުރި ދެމަފިރީންނަށް ޓެސްޓު ހެދުމަށްވުރެ ބޮޑުކަމަކަށްވީ ހަސްފަތާލުން ޚިދުމަތްދޭން ތިބި މީހުން ދައްކާ ވާހަކަ މޭރުން ނުވުމާއި އެމީހުންގެ ފަރާތުން އެކަށީގެންވާ އަޅައިލުމެއް ނުލިބުމެވެ!

ހަސްފަތާލުފަދަ އާއްމު ޚިދުމަތްދޭ ތަންތަނުގައި އުޅޭއިރު، ތިމާގެ ވަށައިގެން އުޅޭ އެހެން މީހުންނާމެދުގައިވެސް ސަމާލުކަން ދީ، ވެވޭން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުސްލިމުން ކުރާންޖެހޭނެ ކަމެކެވެ. ކިތަންމެ ކުޑަ މިންވަރަކުންވިޔަސް ހެޔޮ ކަމެއް ކުރުމަށް ލިބޭ ފުރުސަތެއް ދޫކޮށްލައިގެން ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. '... އަދި އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހައި ހިނދަކު ﷲ އެއަޅާއަށް އެހީވުމުގައި ވޮޑިގެންވެއެވެ. ...'(މުސްލިމު: 2699).

comment ކޮމެންޓް