ސެމްސަން ގެލެކްސީ ރިންގު ކިތަންމެ ފުރިހަމަޔަސް މަރާމާތު ކުރެވޭނެގޮތެއް ނެތް: ރިޕޯޓް

ގެލެކްސީ ރިންގަކީ ސިއްހީ އެތައްމައްސަލަތަކަށްވެސް އޮތް ހައްލެއް --

ސެމްސަންގެ އައު ސްމާޓް ރިންގް ކަމުގައިވާ ގެލެކްސީ ރިންގަކީ ކިތަންމެ ފުރިހަމަ މޮޅު ޑިވައިސްއަކަށްވިޔަސް އޭގެ އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ބެޓެރީ ހުސްވިޔަސް މަރާމާތު ނުކުރެވިދާނެކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.

އައިފިކްސިޓް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ސްމާޓް ރިންގް ޑިޒައިން ކޮށްފައިވާ ގޮތުގެ ސަބަބުން އެތެރެއިން ހުޅުވައިގެން މަރާމާތުކުރުމަކީ ދަތިކަމަކަށް ވެދާނެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ލިތިއަމް-އައޮން ބެޓެރީއަކީ މި ސްމާޓް ރިންގް މަރާމާތު ނުކުރެވުމުގެ މައިގަނޑު ދެ ސަބަބުގެ ތެރެއިން އެއް ސަބަބެވެ.

މި ބެޓެރީ ޗާޖް ކުރެވޭނީ ގިނަވެގެން 400 ފަހަރު ކަމަށްވާއިރު، ބެޓެރީ ހަލާކުވެ ނުވަތަ ހުސްވުމުން، ރިންގް ހަލާކުނުކޮށް ބެޓެރީއަށް ވާޞިލުނުވެވޭތީ މަރާމާތު ނުކުރެވޭނެ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އައިފިކްސިޓްއިން ހިއްސާކުރި ސީޓީ ސްކޭނަކުން ދައްކާގޮތުގައި، ރިންގްގެ އެތެރެ ފަރާތުގައި އެޕޮކްސީ ރެޒިން ކޯޓިންގއެއް ވާއިރު، އޭގެ އެތެރޭގައި ބެޓެރީއާއި އެހެނިހެން ސާކިޓްރީ ހުންނަ ކަމަށް ވެއެވެ.

އެހެން ނަމަވެސް ސާކިޓް ބޯޑު ބެޓެރީއާ ގުޅިފައިވަނީ ޕްރެސް ކަނެކްޓަރެއް މެދުވެރިކޮށް ކަމަށްވުމުން، ބެޓެރީއަށް ގެއްލުން ނުދީ ސާކިޓް ބޯޑަށް ވާޞިލުނުވެވޭނެކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ދިރާސާގެ ހޯދުންތައް ރަނގަޅުނަމަ، ބެޓެރީ ހުސްވުމުން ނުވަތަ އެތެރޭގެ ސާކިޓް ބޯޑަށް ގެއްލުމެއް ލިބިއްޖެނަމަ ގެލެކްސީ ސްމާޓް ރިންގް ބޭނުން ނުކުރެވިދާނެއެވެ.

ދުވާލުގެ ގިނަ ވަގުތު ނުވަތަ އަބަދުހެން ކަހަލަގޮތަކަށް އަޅައިގެން އުޅެންޖެހޭ ޑިވައިސްއަކަށް މިފަދަ ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އެހެންކަމަށްވާނަމަ ރިންގު މަރާމާތު ނުކުރެވުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު ގެއްލުމެއްކަމަށް ވެދާނެއެވެ.

މި ރިޕޯޓާ ގުޅޭގޮތުން ސެމްސަންގުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

comment ކޮމެންޓް