އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނޫގެ ދަށުން ކައުންސިލްތަކަށް އަމިއްލަ ނަމުގައި ދައުވާކޮށް، ދައުވާ ލިބިގަތުމުގެ ބާރު ބަޔާންކޮށްފައި އޮތް ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ކައުންސިލްތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރައްވަނީ އެ ތަންތަނުގެ ބާރު ކަނޑުވާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފިއެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން 'ހުރަސް އަޅަން ފާސްކުރަމުން' އަންނަ ގަނޫނުތަކާ ގުޅުވައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅައި ފާސްކުރަމުން އަންނަ ބައެއް ގާނޫނުތަކުގެ ސަބަބުން ކައުންސިލްތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަން ކައުންސިލްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށާއި ޚާއްސަކޮށް ބިނާވެށި ޕެލޭންކުރުމާއި ހިންގުމުގެ ގާނޫނޫގެ ދަށުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، އެރަށެއްގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމައަށް ބާރު ލިބޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓު ބިލު މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެނަމަ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވާ މުހިންމު އަސާސުތައް މުގުރިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެ ބަޔާނުގައި ބުނެއެވެ.
މީގެއިތުރުން، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރަސްއެޅިދާނެ ގާނޫނުތަކާ މެދު ކައުންސިލްތަކާއި އެކަމާ ގުޅުން ހުރި ޖަމިއްޔާތަކާއި ސިޔާސީ ޕަޓީތަކާއެކު ބިނާކުރަނިވި މަޝްވަރާއަކަށް ދިޔުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.
އަދި، އެ ފަދަ މަޝްވަރާއެއް ކޮށްގެން ނޫނީ އެ ނިޒާމަށް ހުރަސް އެޅިދާނެ ބިލުތައް ފާސްނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އެމްޑީޕީން ވަނީ ކައުންސިލްތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރުން ހުއްޓާލުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގާމުތަކުގެ އަދަދު 700އަށް ވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ.
ނަމަވެސް އެ އަދަދު މިހާރު 2،000އަށް ވުރެ އިތުރުވެފައިވާ ކަމަށް އެމްޑީޕީން ބުނާއިރު، ސަރުކާރުން ޖުމްލަ އަދަދެއް ރަސްމީ ގޮތެއްގައި ހަމަކޮށްފައި ނުވެއެވެ.