އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ އާ ކޯޗު އެންޒޯ މަރެސްކާގެ ކޯޗުކަމުގެ ދަށުން އެ ޓީމު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
ޗެލްސީން ކާމިޔާބުކޮށްފައިވަނީ ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ސްވިޓްޒަލަންޑްގެ ސާވޭޓުއާއި ބައްދަލުކުރި މެޗެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މެޗުގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އެންކުންކޫއެވެ. ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ނޯނީ މަޑުއެކާއެވެ.
މި ކާމިޔާބީއާ އެކު ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ޗެލްސީން ކުރާ އުންމީދު މިވަނީ އާވެފައެވެ.
ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައި ސާވޭޓުގެ ދަނޑުގައެވެ.
މުބާރާތުގެ ޕްލޭ އޮފް ގައި ޕޯލަންޑްގެ ލެޖިއާ ވޯސްޒާވާއާއި ކޮސޯވޯގެ ޑްރިޓާ ބައްދަލުކުރި މެޗު 2-0 އިން ވޯސްޒާވާ ކާމިޔާބުކުރިއިރު ލިތުއޭނިއާގެ ޕަނެވެޒީސްއާއި ވޭލްސްގެ ދި ނިއު ސެއިންޓްސް ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީ ނިއު ސެއިންޓްސްއެވެ.
އަދި، ސައިޕްރަސްގެ އޮމޮނޯއިއާއާއި އަޒަރުބައިޖާންގެ ޒައާ ބައްދަލުކުރި މެޗު 6-0 އިން އޮމޮނޯއިއާއިން ކާމިޔާބުކުރިއިރު ޗެކް ރިޕަބްލިކްގެ މްލާޑާ ބޮލެސްލާވްއާއި ހަންގޭރީގެ ޕަކްސީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވީވެ.