އަސްކަރީ އެއްބަސްވުންތައް ދޫކޮށްލަން ގޫގުލްއަށް އެ ކުންފުނީގެ މުވައްޒަފުން ގޮވާލައިފި

ގޫގުލްއަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ އެންމެވަރުގަދަ އެއް ކުންފުނި ---

ދުނިޔޭގެ އެންމެވަރުގަދަ އެއް ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން އެކި ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުގެ ސަރުކާރުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުން ތަނާޒުލުވުމަށް އެ ކުންފުނީގެ ޑީޕްމައިންޑް ގޮފީގެ މުވައްޒަފުން ގޫގުލްއަށް ގޮވާލައިފިއެވެ.

ގޫގުލްގެ ޑީޕްމައިންޑް ކުންފުނީގެ މުވައްޒަފުންތަކެއް އެކުވެގެން ގޫގުލްއަށް މިކަމަށް ގޮވާލައިފައިވަނީ އެ ހުރިހާ މުވައްޒަފުން ސޮއިކޮށްފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ.

'ޓައިމް' މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ މެއި 16 ވަނަ ދުވަހު ތައްޔާރުކުރެވުނު މި ސިޓީގައި ގާތްގަނޑަކަށް 200 މުވައްޒަފުން ސޮއިކޮށްފައިވެއެވެ. މިއީ ޑީޕްމައިންޑްގެ ޖުމްލަ މުވައްޒަފުންގެ ފަސް އިންސައްތައެވެ.

ޑީޕްމައިންޑަކީ ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑިވިޜަންތަކުގެ ތެރެއިން އެއް ޑިވިޜަނެވެ. މުވައްޒަފުން ފޮނުވި ސިޓީގައި ބުނެފައިވަނީ އަސްކަރީ އެއްބަސްވުންތަކުގައި ސޮއިކުރުމަކީ ކުންފުނީގެ އަމިއްލަ އޭއައި ޤަވާޢިދުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ގޫގުލުން އެމެރިކާގެ އަސްކަރިއްޔާއާއި އިސްރާއީލުގެ އަސްކަރިއްޔާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކްލައުޑް މެދުވެރިކޮށް ޑީޕްމައިންޑުން އުފެއްދި އޭއައި ޓެކްނޮލޮޖީއަށް އެފަރާތްތަކަށް ވާސިލުވެވޭކަމަށް ވެއެވެ.

ސިޓީގައި ވަކި އަސްކަރިއްޔާއެއްގެ ނަން ބަޔާންކޮށްފައި ނުވާއިރު، މުވައްޒަފުން ބުނެފައިވަނީ މިއީ "ވަކި ހަނގުރާމައެއްގެ ނުވަތަ ސިޔާސީ ކަމަކާ ގުޅޭ" މައްސަލައެއް ނޫން ކަމަށެވެ.

"އަސްކަރިއްޔާއާއި ހަތިޔާރު އުފެއްދުމުގައި އެއްވެސް ވަރަކަށް ބައިވެރިވުމަކީ، އަޚްލާޤީ އަދި ޒިންމާދާރު އޭއައިގެ ދާއިރާގައި އަޅުގަނޑުމެން ލީޑަރުންގެ ގޮތުގައި ތިބުމަށް އަސަރުކުރާނެކަމެއް، އަދި އެއީ އަޅުގަނޑުމެންގެ މިޝަން ސްޓޭޓްމަންޓާއި އޭއައި އުސޫލުތަކާ ޚިލާފު ކަމެއް،" ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި ޑީޕްމައިންޑްގެ ވެރިންނަށް ގޮވާލައިފައިވަނީ އަސްކަރީ ބޭނުންތަކަށް ކުންފުނީގެ އޭއައި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށާއި، މުސްތަޤުބަލުގައިވެސް މިފަދަ ބޭނުންތަކަށް ޓެކްނޮލޮޖީ ބޭނުންނުކުރެވޭނެ ގޮތަށް އައު ގަވަރނަންސް ނިޒާމެއް ޤާއިމުކުރުމަށެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް ހަތަރު މުވައްޒަފަކު 'ޓައިމް' އަށް ބުނެފައިވާ ގޮތުގައި ގޫގުލުން މިހާތަނަށް މި ސިޓީއަށް އެކަށީގެންވާ ޖަވާބެއް ދީފައެއް ނުވެއެވެ.

"އަޅުގަނޑުމެންނަށް ވެރިންގެ ފަރާތުން މާނަހުރި ޖަވާބެއް ލިބިފައެއް ނުވޭ، އަޅުގަނޑުމެން ދަނީ އިތުރަށް ކަންބޮޑުވަމުން،" އެއް މުވައްޒަފަކު ބުނެފައިވެއެވެ.

އަނެއްކޮޅުން ގޫގުލުން 'ޓައިމް' މަޖައްލާއަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އޭއައި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާ ކަމަށެވެ.

ކުންފުނިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހަތިޔާރާ ގުޅޭ ނުވަތަ އިންޓެލިޖެންސް ޚިދުމަތްތަކާ ގުޅޭ ސިއްރު އަދި އަސްކަރީ މަސައްކަތްތަކަކަށް އަމާޒުކުރެވިފައެއް ނުވެއެވެ.

ނަމަވެސް ފާއިތުވި މަސްތަކުގައި އިސްރާއީލުގެ ސަރުކާރާއެކު އޮތް ގުޅުމާމެދު ގިނަ ފާޑުކިޔުންތަކެއް ގޫގުލްއަށް އަމާޒުވެފައިވެއެވެ.

ގޫގުލުން ޑީޕްމައިންޑް ގަތީ 2014 ވަނަ އަހަރެވެ. އެ ވަގުތު ކުންފުނިން ވަޢުދުވެފައިވަނީ އެ ކުންފުނީގެ އޭއައި ޓެކްނޮލޮޖީ އަސްކަރީ ނުވަތަ ސަރވެއިލަންސްގެ ބޭނުންތަކަށް ބޭނުން ނުކުރާނެކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް އޭއައިގެ ދާއިރާގައި ކުރިއަށްދިއުމަށް ކުރެވޭ ވާދަވެރި މަސައްކަތްތަކާ ގުޅިގެން މިކަން ބަދަލުވެފައިވާކަމަށް ބެލެވެއެވެ.

comment ކޮމެންޓް