ރަޝިއާގެ ފޯނު ނަންބަރުތަކުން ގޫގުލް އެކައުންޓް ހެދުން މަނާކޮށްފި

ގޫގުލްއަކީ އެންމެ ގިނަބަޔަކު އޮންލައިންކޮށް އެންމެގިނަ ޚިދުމަތް ހޯދާ އެއް ކުންފުނި --

ރަޝިއާގެ ފޯނު ނަންބަރުތައް ބޭނުންކޮށްގެން ގޫގުލް އެކައުންޓް ހެދުން މަނާކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާއިން ރަޝިއާގެ މައްޗަށް އަލަށް އަޅާފައިވާ ދަތިކުރުންތަކާ ގުޅިގެން ކަމަށް ބެލެވެއެވެ.

މި ބަދަލާ ގުޅިގެން ރަޝިއާގެ ފޯނު ނަންބަރެއް ބޭނުންކޮށްގެން ގޫގުލްގެ އެއްވެސް ޚިދުމަތެއް ބޭނުންކުރުމަށް އައު އެކައުންޓެއް ހެދުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވެއެވެ. ނަމަވެސް ގޫގުލްގެ ފަރާތުން މިކަމާ ގުޅޭ ގޮތުން އެއްވެސް ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

ގޫގުލްއިން މީގެ ކުރިން ވެސް ރަޝިއާއަށް އަމާޒުކޮށްގެން އެތައް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މީގެ ތެރޭގައި ރަޝިއާގައި ގޫގުލްގެ އިޝްތިހާރު ޚިދުމަތްތައް ހުއްޓާލުމާއި، ޔޫޓިއުބްގައި ރަޝިއާގެ ސަރުކާރާ ގުޅުންހުރި ޗެނަލްތައް ބްލޮކްކުރުން ހިމެނެއެވެ.

މީގެ އިތުރުން ރަޝިއާގެ ސަރުކާރުގެ އިދާރާތަކަށް ގޫގުލް ކްލައުޑްގެ ޚިދުމަތް ދިނުން ހުއްޓާލުމާއި، ރަޝިއާގެ ބޭންކުތަކުގެ ސަބަބުން ގޫގުލް ޕޭގެ ޚިދުމަތް ރަޝިއާގައި މަޑުޖެހުމާއި، ރަޝިއާގައި ގޫގުލް ޕްލޭ ސްޓޯރުން ފައިސާ ދައްކައިގެން ޑައުންލޯޑުކުރާ އެޕްތައް ލިބުން ހުއްޓާލުން ހިމެނެއެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވަނީ ރަޝިއާއިން ޔުކްރެއިނަށް ހަނގުރާމަ އިޢުލާނުކުރުމާ ގުޅިގެން އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން ރަޝިއާގެ މައްޗަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުންތަކާ އެއްގޮތަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އާންމު ރައްޔިތުންނަށް ގޫގުލްގެ ޚިދުމަތްތައް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

comment ކޮމެންޓް