މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދާ ބަޔެއްގެ ވީޑިއޯ އާންމުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށް، އެ މީހުންގެ ވީޑިއޯ އާންމުކޮށްފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މީހުންނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް ހޯދިފައިނުވާ ބައެއް ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ފިހާރައެއްގެ ތެރޭގައި ތިން މީހުން ހަރަކާތްތެރިވާ މަންޒަރެވެ. ބަލާ ބެމަށް ތިން މީހުންނަކީވެސް ދިވެހީން ކަމަށް ލަފާކުރެވެއެވެ.

ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ތަފާތު އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް