ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ފޮޓޯ ލުމުން، އެޑިޓްކޮށް ބަރަހަނާ ކަމަށް ބެލެވޭ ގޮތަށް ބަދަލުކޮށްގެން ފޮޓޯތައް ދައުރުވާކަން ފާހަގަވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައި ވަނީ ބަރަހަނާ މަންޒަރުތައް އާއްމުކުރާ ޓެލެގްރާމް ޗެނަލްތަކުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ގިނަ އަދަދަކަށް ފެނިފައިވުމުންނެވެ.
ބަރަހަނާ މަންޒަރު އަޅާ 571 ޗެނަލް ފުލުހުން ހިފަހައްޓައިފައިވާއިރު އޭގެ ތެރެއިން ނުވަ އެކައުންޓު ހިންގާކަމުގެ ތުހުމަތުގައި ތިން މީހަކު މި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ޗެނަލްތަަކަށް ތިން ހާހަށްވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށް، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އެފަދަ މަންޒަރު ބަލަން ދައްކައިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ސައިބާކްރައިމް ސެންޓާ އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވީ އެކި ގޮތް ގޮތުން ސޯޝަލް މީޑިއާގައި ކުޑަކުދިން ފޮޓޯ ފޮނުވާ ހަދާ ކަމަށެވެ.
އެގޮތަށް ފޮނުވާ ފޮޓޯއަކީ އިތުބާރުކުރާ ފަރާތަކަށް ފޮނުވައިގެން ނުވަތަ ނޭނގި ނަމަވެސް ފޮނުވިގެން ނޫނީ ޑިލީޓްވާނެކަމަށް ބަލައިގެން ފޮނުވާ ފޮޓޯ އަދި ވީޑިއޯތައް ކަމަށެވެ.
ސްނެޕްޗްޓް ކަހަލަ ޕްލެޓްފޯމްތަކުގައި ޑިލީޓްވާނެކަމަށް ގަބުލުކޮށްއެއީ ސެކިޔޯ އެއްޗެއްކަމަށް ހީކޮށް، ރިކޯޑުނުކުރެވޭނެ ކަމަށް ބަލާ އެ ފޮނުވާ ފޮޓޯތައް ވެސް ރެކޯޑުކުރެވޭނެ ޓެކްނިކަލް ވަސީލަތްތައް އެބަހުރި. އެހެންވީމަ މިފަދަ ކަންކަމުން ދުރުވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން، ހެޑް އޮފް ސައިބާކްރައިމް ސެންޓާ މުހައްމަދު ސަމީހު
ވަކިން ޚާއްސަކޮށް މޮބައިލް ޑިވައިސްތަކާއި ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރު ކުޑަކުދިން ބޭނުންކުރާއިރު ބެލެނިވެރިން ހުށިޔާރުވެ، ފާރަވެރިވާން އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެ ކުދިން އެ ޑިވައިސްތަކުން ކުރާ ކަންތައްތައް ބަލައި، މޮނިޓާކޮށް، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި ދޭން ނުޖެހޭ އެކްސެސްތައް ނުދިނުމަށް ވަނީ އެދިލައްވާފައެވެ.
މި ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށްލާ އާދައިގެ ފޮޓޯތައް ވެސް އެޑިޓްކޮށް، ބަރުހަނާ މަންޒަރު ދައްކުވައިދޭ ގޮތަށް ބަދަލުކުރާކަން ފާހަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޗެނަލްތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅުއެޅުމަށްޓަކައި، ފުލުހުންނަށް ދޭ އެއްވެސް މައުލޫމާތަކީ ލީކުވާނެ މައުލޫމާތެއް ނޫން ކަމަށާއި އެފަދަ މައުލޫމާތުތައް ހިއްސާކުރުމަށް ފަސްނުޖެހުމަށް ވެސް އެދިފައިވެއެވެ.
އެ ކުދިންގެ ފަރާތުން ބަޔާން ނެގުމަށްޓަކައި މަސައްކަތްކުރިނަމަވެސް އެ އެއްބާރުލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގަ ހިތާމައަކީ އަޅުގަނޑުމެން ވަރަށް މަސައްކަތްކުރަން ސްޓޭޓްމަންޓް ހޯދަން ވެސް. ބައެއް ބޭފުޅުންގެ އިގްނޯ މީގަ އާދޭ އަޅުގަނޑުމެންނާ ހަމައަށް. މިވަގުތު ބޭނުމެއް ނޫނޭ ކުރިއަށް ގެންދާކަށް އަދި ސްޓޭޓްމަންޓް ދޭން ވެސް ބޭނުންނުވާ ވާހަކަ، އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް
އަޒީފް ވިދާޅުވީ އެފަދަ ޗެނަލްތައް ހުއްޓުވުމަކީ މުޅި މުޖުތަމައުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެކަމުގައި ފަރުދީ ޒިންމާ އިސްކުރަންޖެހޭ ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރާ ފަރާތްތަކަށް އަދަބު ދެވޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ޗެނަލްތައް ހިންގާ ފަރާތްތައް ބްލެކްމެއިލްކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކުން "ވިކްޓިމައިޒް" ވެއްޖެ ފަރާތެއް ނަމަވެސް ވީހާވެސް އަވަހަކަށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އޭނާ ވަނީ އެދިލައްވާފައެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި އެފަދަ ފޮޓޯއާއި ވީޑިއޯ ދައުރުކުރާ 571 ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެ ޗެނަލްތަކުގައި އެކި މީހުންގެ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވާއިރު، 34,680 މީހުން އެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވެއެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ އަދި ޖިންސީ ގޯނާގެ ފޮޓޯ އާއި ވީޑިއޯ ދައުރުކުރާ 43 ޓެލެގްރާމް ޗެނަލް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.