ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ، އިސްތިއުފާ ދޭށޭ ވިދާޅުވިނަމަ ދޭނަން: ޕީޖީ

ޕީޖީ ޝަމީމް: އޭނާ މިއަދު ވިދާޅުވީ މަގާމުން ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ވަކިކުރަން އުޅެނީ އެއްވެސް އަސާސެއް ނެތް ޖަވާބުދީ، ބާވެފައި އޮތް ތުހުމަތުތަކެއް ދައްކާފައި ކަމަށާއި އެކަން ކުރަން އުޅެނީ ނާޖާއިޒު ނުފޫޒު ނުފޯރުވޭނެ އިދާރާއެއް އުފެއްދުމުން ކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ޕީޖީ ޝަމީމު މަގާމުން ވަކިކުރަން ހުށަހަޅައިފައެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޝާހިދު ވަނީ ބޮޑެތި ތުހުމަތުތަކެއް ޝަމީމަށް ކުރައްވައިފައެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައަށް ޖަވާބުދާރީވާން ޕީޖީ ޝަމީމް މިއަދު ވަނީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެ ކޮމިޓީ މަޖިލީހުން ވަނީ ސިއްރު ކޮށްފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީން ފޮނުވި ސިޓީގައި އަސްލު ތުހުމަތުތަކުގެ އިބާރާތްތަކެއް، އަސްލު ތުހުމަތު އޮތް ސިޓީއެއް، ފޮނުއްވާފައިނުވާ ކަމަށެވެ.

https://sun.mv/195440

"އަޅުގަނޑު ޖަވާބު އަރުވަންޖެހިފައިމިވަނީ ސީދާ ތުހުމަތުތަކަކީ ކޮބައިކަން ނޭނގި. މިއީ، ނެޗުރަލް ޖަސްޓިސްގެ ހަމަތަކާ ކަނޑައެޅިގެން ޚިލާފު ކަމަކަށްވާތީ، މިއީ، އަޅުގަނޑަކަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުޞަތެއް އެރުވުން ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، އޭނާ ވަނީ ޖުމުލަކޮށް ޝާހިދު އަމާޒުކުރެއްވި ހުރިހާ ތުހުމަތުތަކެއް ވެސް ދޮގުކުރައްވައިފައެވެ.

"އޭގައި ހުރީ، މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި ކަންކަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީޖީ ޝަމީމް ވިދާޅުވީ، އޭނާއަށް ކުރާ ތުހުމަތުތަކަކީ ރަނގަޅު ނިޔަތެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި ރީތިކޮށް އިސްތިއުފާ ދެއްވާށޭ ވިދާޅުވި ނަމަ މިހާރު ވެސް އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެ ޒާތުގެ ޙަޤީޤަތާ ޚިލާފު ތުހުމަތު ނުކުރައްވައި، އަޅުގަނޑު ގާތު މަޤާމުން އިސްތިއުފާދޭން ވިދާޅުވިނަމަ، އަޅުގަނޑު މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް،" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ޝަމީމް: އޭނާ ވިދާޅުވީ ޕީޖީކަމުން އޭނާ ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭނެތީ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވަނީ މި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުންނާ އެކުގައި ބޭއްވި ބައްދަލުކުރެއްވުންތަކުގައި ވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޝަކުވާއެއް އޮތްތޯ ސުވާލުކުރުމުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅާފައިނުވާކަން ފާހަގަކުރައްވައިފައެވެ.

"އަޅުގަނޑުގެ ޕްރޮސިކިއުޓާ ޖެނެރަލްކަމުގައި، އަޅުގަނޑުވާނީ ވެރިކަމުގެ އެ ދައުރުގައި ވެރިކަންކުރި ޕާޓީގެ [އެމްޑީޕީގެ] ރައްޔިތުންގެ މަޖިލީހުގެ ބައެއް ޢިއްޒަތްތެރި މެންބަރުންނާއި، ހަމަ އެ ވެރިކަމުގެ ބައެއް ވަޒީރުންގެ މައްޗަށް ވެސް ޖިނާއީ ކުށުގެ ދަޢުވާ އުފުލާފައި. އަދި މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ވެސް ދަޢުވާކޮށްފައި،" ވަކި ފަރާތަކަށް ނުޖެހޭނެކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ ތިން މަސް ކުރިން ވެސް މިހާރު އެ ތުހުމަތުކުރާ ހާދިސާތައް ހުރި ކަމަށާއި އެކަމަކު އޭރު އޭނާ ކުރެއްވި މަސައްކަތް ވެސް އަދި ޕީޖީ އޮފީހުގެ މަސައްކަތްތައް ވެސް މަޖިލީހުގެ މެންބަރުންނަށް ގޯހެއް ނޫން ކަމަށެވެ.

"އޭރު އަޅުގަނޑު ރަނގަޅު. އަޅުގަނޑު ކުރާ މަސައްކަތް ވެސް ދުނިޔޭގެ ފެންވަރު،" ޕީޖީކަމުން އޭނާ ވަކިކުރަން އުޅޭ އުޅުމުގެ ނިޔަތާ މެދު ސުވާލު އުފައްދަވަމުން ޕީޖީ ކޮމިޓީގައި ވިދާޅުވިއެވެ.

"އެއިން ކަމެއް ބަދަލުނުވެ، މީގެ އެތައް އަހަރެއް ކުރިން ދިމާވެފައިވާ ކަންތައްތަކެއް މަތިކޮށް، ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއްގެ ތެރެއިން، މިދިޔަ ހަފުތާއިން ފެށިގެން އަޅުގަނޑު ގޯސްވެއްޖެ. މިއީ، އިންސާނުންގެ ފިޠުރަތުގައި ވެސް ޢައިބު ކަންކަން. ނިޔަތާބެހޭ ގޮތުން ސުވާލު އުފެދެނީ އެހެންވެ،"

https://sun.mv/195500

މީގެ އިތުރުން ވެސް ޕީޖީ ވަނީ ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވާ ވަކިވަކި މައްސަލަތަކުގެ ތަފުސީލުތައް ވެސް ހިއްސާކުރައްވައިފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން އުޅެނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނޫން ކަމަށާއި އަދި އިޚުލާސްތެރިކަން ނެތިގެން ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޕީޖީ އޮފީހަކީ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރާތީ ވަކިކުރަނީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް އާންމުންގެ ބައެއް މީހުން ވަނީ ޕީޖީ ޝަމީމު މަގާމުން ވަކިކުރަން ގޮވާލައި މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރި މައިގަނޑު ސަބަބަކީ ވާނުވާ ބަންދުގެ މައްސަލަ ހައްލުނުވެ އޮތުމެވެ.

އިދިކޮޅުގައި އޮތްއިރު ޕީއެންސީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ޝަމީމެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައި ޑިސެމްބަރު 8، 2019 ގައެވެ.

comment ކޮމެންޓް