ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ސިޓީ މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް އިއްވައިފައެވެ.
ޝާހިދު ހުށަހެޅުއްވި ސިޓީގައި ވަނީ ޕީޖީކަމުން ޝަމީމް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، މައިގަނޑު އަށް ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ:
- ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
- ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
- ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
- ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
- އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
- ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
- ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް އާންމުންގެ ބައެއް މީހުން ވަނީ ޕީޖީ ޝަމީމު މަގާމުން ވަކިކުރަން ގޮވާލައި މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރި މައިގަނޑު ސަބަބަކީ ވާނުވާ ބަންދުގެ މައްސަލަ ހައްލުނުވެ އޮތުމެވެ.
އިދިކޮޅުގައި އޮތްއިރު ޕީއެންސީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ޝަމީމެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައި ޑިސެމްބަރު 8، 2019 ގައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހާއި ޕީޖީ އޮފީހުގައި ވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝަމީމު ވަނީ އިނގިރޭސިވިލާތުން ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ. އަދި، ޝަރީއާ އެންޑް ލޯގެ ދާއިރާން ބެޗްލާސް އޮފް އާޓްސް ވެސް ހާސިލުކުރައްވާފައެވެ.
ޤާނޫނީ ވަކީލެއްގެ ގޮތުން ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައިވާ ޝަމީމުވަނީ ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރު ޖެނަރަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.