ކޮމިޓީއަށް ޖަވާބުދާރީވާން ޕީޖީއަށް ފަސް ދުވަހުގެ ނޯޓިސް ފޮނުވައިފި

ޕީޖީ ޝަމީމް: ކޮމިޓީން ވަނީ ޕީޖީ ޝަމީމް ވަކިކުރުމުގެ މައްސަލާގައި ޖަވާބުދާރީވާން ނޯޓިސް ފޮނުވާފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖަވާބުދާރީވާން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް، ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އިއްޔެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ނިންމާ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ޖުޑިޝަރީ ކޮމިޓީއަށް އަލުން ފޮނުވާފައެވެ.

މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި ޝާހިދު ވަނީ ޝަމީމް ހާޒިރުކުރަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ތާއީދުކުރައްވާފައެވެ. އަދި، އެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކުއެވެ.

އެ ވޯޓުގައި އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ވެސް ވަނީ ވޯޓު ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު: ކޮމިޓީން ވަނީ ޕީޖީ ޝަމީމް ވަކިކުރުމުގެ މައްސަލާގައި ޖަވާބުދާރީވާން ނޯޓިސް ފޮނުވާފައި -- ފޮޓޯ/ މަޖިލިސް

ނާޒިލް ވިދާޅުވީ، މި މައްސަލައިގައި ޕީޖީ ޝަމީމްގެ މައްޗަށް ވަރަށް ބޮޑެތި "ބަދުނާމުތަކެއް" ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕީޖީ ވަޑައިގެން ސައްހަ މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

"އެ ބޭފުޅާގެ [ޕީޖީ ޝަމީމް] މަސައްކަތުގައި ގެންގުޅުއްވި އުސޫލުތަކާއި މިންގަނޑުތައް އަޅުގަނޑުމެންނަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ސާފު ވެގެންދާނެ. އެހެންވެ، މިއަށް ތާއީދުކޮށް ވޯޓު ދެއްވީ،" ނާޒިލް ވިދާޅުވިއެވެ.

އެއާއެކު ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވަނީ މިއަދު ނޯޓިސް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

"އެ ހުށަހެޅުން ފާސްވުމުން، ގަވައިދުގައިވާ ގޮތުގެ މަތިން ފަސް ދުވަހުގެ ނޯޓިސްއެއް މިއަދު އަޅުގަނޑުމެން ދޭނަން،" ހުސްނީ ވިދާޅުވިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝާހިދު ހުށަހެޅުއްވި ސިޓީގައިވަނީ ޕީޖީކަމުން ޝަމީމް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، މައިގަނޑު އަށް ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ:

  • ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
  • އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
  • ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް އާންމުންގެ ބައެއް މީހުން ވަނީ ޕީޖީ ޝަމީމު މަގާމުން ވަކިކުރަން ގޮވާލައި މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރި މައިގަނޑު ސަބަބަކީ ވާނުވާ ބަންދުގެ މައްސަލަ ހައްލުނުވެ އޮތުމެވެ.

އިދިކޮޅުގައި އޮތްއިރު ޕީއެންސީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ޝަމީމެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައި ޑިސެމްބަރު 8، 2019 ގައެވެ.

comment ކޮމެންޓް