2001 ގެ ފަހުން ފުރަތަމަ ފަހަރަށް އީރާންގެ މުޅި ކެބިނެޓަށް ރުހުން ދީފި

ތެހެރާންގައި ބޭއްވި ވަޒީރުން އައްޔަނުކުރުމުގެ ބަހުސްގައި އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އަލް ޖަޒީރާ

އީރާނުގެ އާ ރައީސް މަސޫދު ޕެޒެޝްކިއަންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 19 ވަޒީރުންނަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ރުހުން ދީފިއެވެ.

މިއީ 2001 ވަނަ އަހަރަށް ފަހު އީރާނުގެ މުޅި ކެބިނެޓަށް މަޖިލީހުގެ ރުހުން ދިން ފުރަތަމަ ފަހަރެވެ. ދުވަސްތަކެއް ވަންދެން ބަހުސް ކުރުމަށް ފަހު ކެބިނެޓް ފާސްކޮށްފައިވަނީ އިއްޔެއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅުނު ކަމަށް ބެލެވުނު ކުރީގެ ރައީސް އިބްރާހިމް ރައިސީގެ ކެބިނެޓާ ޚިލާފަށް އާ ކެބިނެޓުގައި ހިމެނެނީ މަދުން ވޯޓު ލިބިލެއްވި ނަމަވެސް މަގާމު ކަށަވަރު ކުރެއްވި ސިއްޚަތާބެހޭ ވަޒީރު، މުހައްމަދު ޒަފަރުޤާންދީ ފަދަ އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ.

"އަޅުގަނޑުމެންގެ ސަލާމަތުގެ މަގަކީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން،" މަޖިލީސް މެންބަރުންނާ މުޚާތަބުކުރައްވައި ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.

ކެބިނެޓްގައި ހިމެނިވަޑައިގައިންނަވާ ބައެއް ބޭފުޅުންގެ ތެރޭގައި އިންތިޚާބުގެ ތެރޭގައި ޕެޒެޝްކިއަންއަށް ކެމްޕޭން ކުރެއްވި ކުރީގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ހިމެނެއެވެ. އޭނާ ވަނީ ކެބިނެޓަށް ހޮވުމާ ގުޅިގެން އާ ލީޑަރުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މަގުތަކާއި ދަތުރުފަތުރާ ބެހޭ ވަޒީރުގެ މަގާމަށް ފަރުޒާނާ ސާދިގަށް ރުހުން ލިބުނުއިރު، އޭނާއަކީ 1979 ވަނަ އަހަރު އީރާނުގައި އިސްލާމީ ޖުމްހޫރިއްޔާ އުފެދުނު ފަހުން ވަޒީރުކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ.

ތެލާބެހޭ ވަޒީރުގެ މަގާމަށް މުހްސިން ޕަކްނޭޖާދަށް ވަނީ ރުހުން ލިބިފައެވެ. އޭނާ ވަނީ 2018 އިން 2021 އަށް ތެލާބެހޭ ނާއިބު ވަޒީރުކަން ކުރައްވައިފައެވެ.

ޚާރިޖީ ވަޒީރު ކަމަށް އައްބާސް އަރާކްޗީއަށް ރުހުން ލިބުނީ ދުނިޔޭގެ ހަ ބާރަކާ އެކު 2015 ވަނަ އަހަރު ތެހެރާނުން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމުގައި މުއާމަލާތް ކުރުމުގައި އޭނާ އަދާކުރައްވާފައިވަނީ މުހިންމު ދައުރެއް ކަމަށް މަޖިލީހަށް ފެނިގެންނެވެ. އައްބާހަށް ވަނީ 247 ވޯޓު ލިބިފައެވެ.

އީރާންގެ ރައީސްކަމުގައި ހުންނެވި އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ބޭއްވި ކުއްލި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގައި، ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ އިސްލާހީ ފިކުރުގެ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއާންއެވެ. އޭނާ ރައީސްކަމުގެ ހުވާކުރައްވައިފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް