އާބަން ރީޖަންތައް ގާއިމްކޮށް، ނުވަ އަހަރުތެރޭ އެއްލައްކަ މީހުން އާބާދު ކުރަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން ވަނީ އާބަން ސެންޓަރުތަކެއް ގާއިމްކޮށް، ނުވަ އަހަރުތެރޭ އެއްލައްކަ މީހުން އާބާދު ކުރަން ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ބައެއް ރަށްރަށް ހިމެނޭ ގޮތަށް އާބަން ރީޖަންތަކާއި ސެންތަރުތަކެއް ގާއިމްކޮށް، އާބަން ރީޖަންތަކުގައި ނުވަ އަހަރުތެރޭ އެއް ލައްކަ މީހުން އާބާދު ކުރުމަށް އަމާޒު ހިފާފައި ވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގެ ގޮތުގައި ސަރަހައްދުތައް ތަރައްގީކުރާނީ އެ ރަށްތަކުގައި ދިރިއުޅޭ ޖުމްލަ އާބާދީ 50،000އަށްވުރެ ދަށް ނުވާނެ ގޮތްތަކެއް ބަލައިގެން ކަމަށެވެ.

އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި އެއް އާބަން ސެންޓަރަށް ވުރެ ގިނަ އާބަން ސެންތަރުތައް ހިމެނިދާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަދި މި 50،000ގެ އާބާދީ ކުރިއަށް އޮތް 2033ވަނަ އަހަރާ ހަމައަށް ދާއިރު އިތުރަށް ފުޅާކުރުމަށް އެއްލައްކައިގެ އާބާދީއަކަށް އޭގެ ރެޒިޑެންޓް ޕޮޕިއުލޭޝަން ގެންދިއުމަށް ސިޔާސަތުތަކެއް އެކަށައަޅާ ކުރިއަށް ގެންދިއުން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާބަން ރީޖަންތަކުން އިގްތިޞާދީ ނަފާ ސަރަހައްދީ ލެވެލްއެއްގައި ހޯދުމަށް އަމާޒުތަކެއް ކަނޑައަޅާނެކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ކަންކަން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އާބަން ސެންޓަރުތައް ގާއިމް ކުރާއިރު އެތަނުގެ އިންފްރާންސްޓްރަކްޗާއާއި އެހެނިހެން ކަންކަމަށް ބަލައި ދަރަޖަ ކުރާނެ ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ.

"އެގޮތުން މަތީ ފެންވަރުގެ ޓާޝާރީ ޚިދުމަތްތައް ދެވޭ ތަންތަން އެއީ ލެވެލް އެކެއްގެ އާބަން ސެންޓަރެއް ކަމުގައި ކަނޑައެޅުން. ހަމަ މިއުސޫލުން އެތަން ތަރުތީބު ކުރެވިގެން ދާނެ،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެންމެ ފުރަތަމަ ދަރަޖައިގެ އާބާދީއަކީ 15،000 މީހުންނަށް ވުރެ މަދު ނުވާނެ އާބާދިއެއް ކަމަށާއި ދެވަނަ ދަރަޖައަކީ 10،000 މީހުންގެ އަބާދީއަށް ވުރެ ދަށްނުވާނެ އާބާދީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އާބަން ސެންޓަރުތައް ގާއިމް ކުރަން ސަރަހައްދުތައް ފާހަގަކޮށް، އާބަން ޑިވެލޮޕްމަންޓް ރީޖަންތަކުގެ ގޮތުގައި އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް ކަނޑައަޅަން މަޝްވަރާ ކުރާނެކަމަށެވެ.

ރައްޖޭގައި ތަރައްގީކުރާނީ ކިތައް އާބަން ސެންޓަރުކަން މިއަދު ނާޒިމް ވިދާޅުނުވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ރާއްޖޭގައި މެދުމިނުގެ ހަތް އާބަން ސެންޓަރެއް ގާއިމް ކުރަން ހިމަނުއްވާފައެވެ. އެއީ މާލޭގެ އުތުރުން ތިން ސެންޓަރާއި ދެކުނުން ހަތަރު ސެންޓަރު ހިމެނޭ ގޮތަށެވެ.

ހަމައެއާއެކު، ރައްޖޭގެ އުތުރާއި ދެކުނުގައި އިންޓަގްރޭޓެޑް ޑިވަލޮޕްމަންޓް ޒޯނެއް ތަރައްގީކުރާނެ ކަމަށް ވެސް ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް