ބުޅާ މަހާއެކު، 70 އަހަރުގައި މަންމައަށް ކުރަން ރޭވި އުމްރާއަށް ހުރަސްތަކެއް!

ޒަރީރާ[ކަޅު ހެދުމުގައި] ހައްޖުގެ އަޅުކަމަށް ފުރުމުގެ ތެރެއިން--

އުމުރުން 70 އަހަރުގެ ފާތިމަތު ޒަރީރާގެ ކުދިން އެދެނީ މަންމަ މަސައްކަތް ނުކޮށް އަރާމު ކުރުމަށެވެ. ނަމަވެސް، ގއ. ވިލިނގިއްޔަށް އުފަން، މާލޭގައި އުމުރުގެ ބޮޑުބައި އުޅެމުން އަންނަ ޒަރީޒާ އެގޮތެއް ބޭނުމެއް ނުވެއެވެ. އަމިއްލަ މަސައްކަތެއް ކޮށްގެން އާމްދަނީއެއް ލިބުމަކީ އޭނާއަށް ލިބޭ މާ ބޮޑު އުފަލެކެވެ. އެހެންވެ، އޭނާ މީގެ 40 އަހަރު ކުރިން ފެށި ހެދިކާ ހަދައިގެން ވިއްކުމުގެ މަސައްކަތުގައި އަދިވެސް ދެމިހުރީއެވެ.

ޒަރީރާ އެންމެ ފުރަތަމަ މި މަސައްކަތް ފެށީ ގޭގައި ކުދިން ބަލަން ހުރެގެން އާމްދަނީއެއް ހޯދުމަށްޓަކައެވެ. އެގޮތުން ގޭގައި ހެދިކާ ހަދައި ވިއްކަމުން ދިޔައީއެވެ. ރަހަ މީރުވުމާ އެކު ދެން އޯޑަރުތައް ލިބެން ފެށީ އެކިއެކި ހަފުލާތަކަށް ހެދިކާތައް ތައްޔާރު ކުރުމަށެވެ. ވަރަށް ކުރާ ހިތުން އޭނާ އެ މަސައްކަތުގައި ދެމި ހުރީ ރަނގަޅު އާމްދަނީއެއް ލިބޭތީއާ އެކުއެވެ.

ފަހުން ޒަރީރާ ވަނީ ހަވީރު ސަޔަށް ހަދާ ހެދިކާގެ ބަދަލުގައި ބާގާއާއި ހޮޓްޑޯގް ފަދަ ތަކެތި ހަދަން ފަށައިފައެވެ. އެ ތަކެތި ވިއްކުމަށް ލަނީ އޭނާ މިހާރު ދިރިއުޅޭގެ ހުންނަ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ކައިރި ފިހާރަތަކަށެވެ. ދުވާލެއްގެ މައްޗަށް ތިރީސް ނުވަތަ ސާޅީހަކަށް އައިޓަމް ވިއްކަން ލާއިރު އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިއްޔެއާ ހަމައަށް އެ ތަކެތި ކޮންމެ ދުވަހަކު ވެސް ވިކި ހުސްވާތީއެވެ.

ޒަރީރާ ކުރަމުން އައި އެ ވިޔަފާރިއަށް މިވަނީ ބޮޑު ހުރަސްތަކަކާ ކުރިމަތިވެފައެވެ. އެއީ، އިމިގްރޭޝަނުން މިހާރު ހިންގާ އޮޕަރޭޝަންތަކުގައި ވަރަށް މުޑުދާރުކޮށް ކާބޯތަކެތި އުފައްދައި ވިއްކަމުންދާ ތަންތަން ފަޅާއަރުވާލުމާ ގުޅިގެންނެވެ.

https://sun.mv/195709

މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ގައުމު މޭ ނުބައިކުރަން ފެށި އެއް ސަބަބަކީ، ވަރަށް މުޑުދާރުކޮށް ފާހާނާ ކައިރީގައި އެއްވެސް ކަހަލަ ސާފުތާހިރުކަމެއް ނެތް ގޮތަށް، ދިވެހީން އާންމުކޮށް ދުފަން ބޭނުންކުރާ ފޯއް ތައްޔާރުކޮށް ވިއްކަން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށް، އެތަން ހުރި ހާލަތު ދައްކައިލީމައެވެ.

މ. ރީތި އޯކިޑްގޭގެ ފޮޓޯތަކުން ފެންނަނީ އެ ގޭގައި އެއްވެސް ސާފުތާހިރުކަމެއް ނެތް ފާހާނާއެއްގެ ދޮރު ބުޑުގައި ގޯންޏެއް ބާއްވައިގެން ފޯއް ހިއްކަމުން ދިޔަ ތަނެވެ. އެ ދޮރު ބުޑުގައި އެހެން ހަމެއްގައި ފޯއް އަޅާފައި ހުރި މަންޒަރު ވެސް ފެނެއެވެ. ކޮށާފައި ހުރި ފޯއް ބަހައްޓާފައި ހުރީ ހިނގާ މުށިތައް މަތީގައެވެ. އެ ގޭ ތެރޭގައި ވެސް ފޯއްތައް ހުރީ މުޑުދާރުކޮށް އުކާލައިފައެވެ. އެ މަތިން އެ މީހުން ބޭނުންކުރާ އަންނައުނު ހިއްކަން އަޅާފައި ހުރި ތަން ވެސް ފެނެއެވެ.

ބިދޭސީންތަކެއް ސާފުތާހިރުކަން ކުޑަކޮށް ތަކެތި އުފައްދަނީ: މިކަން އެންމެނަށް އެނގި އޮތީ ނުހުއްޓުވި-- ފޮޓޯ: އިމިގްރޭޝަން

އެ މަންޒަރުތަކުގެ މޭ ނުބައިކުރުން ރަނގަޅުނުވެ، އުޅެނިކޮށް ދެން ލިބުނީ އަދި މާ ފަކުރު ޚަބަރެވެ. މާލޭ މަގުތަކުގައި އުޅޭ ބުޅާތައް ހިފައި އެ ކަތިލައިގެން އޭގެ މަސް ބޭނުންކޮށްގެން ކައްކައި ވިއްކާ ބަންގްލަދޭޝް މީހެއްގެ މައްސަލައެވެ. މީނާއާ ގުޅޭ ގޮތުން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އެއީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި، ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ވިއްކާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އޭނާ ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައެވެ.

"އިއްޔެ ފިހާރައަށް ދިޔައިރު އެ ތަނުގެ ތެރޭގައި މީހުން އެ ބުޅާ ވާހަކަދައްކަނީ ވެސް. މިހެން ވަންޏާ މީހުން ޝައްކު ކުރާނު. އިއްޔެ ނުވިކި އިން ފަހެތި. އެ ނޫނީ ހަމަ ކޮންމެ ދުވަހަކު ވެސް ހުސްވާ އެއްޗެއް މިއީ. ކުޑަ އެތިކޮޅެއް ވިއްކައިގެން އެއްޗެއް ނޯންނާނެ އެއީ މިއީ ވަރަށް ހަރަދު ދާ ކަމަކަށް ވާތީ،" ޒަރީރާ ބުންޏެވެ.

އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީއަކީ ދަރިންނާ އެކު ޒަރީރާ ދިރިއުޅޭ ގޭގެ ބަދިގޭގެ ހަރަދުތައް ހަމަޖައްސާ ފައިސާއެވެ. އެއަށް ފަހު ޒަރީޒާ ބޭނުންވާ ބައެއް ކަންކަން ކޮށްލާފައި ދެން އޮންނަބައި ފޮރުވަނީއެވެ. އެގޮތުން މަހެއްގެ މައްޗަށް ހުރިހާ ހަރަދެއް ކެނޑުމަށް ފަހު 3،000 އެއްހާ ރުފިޔާ ފޮރުވޭއިރު އެއީ ޒަރީރާއަށް ވަރަށް ރަނގަޅު އަދަދެކެވެ.

"އަޅުގަނޑު ހަމަ ޙައްޖަށް ދާން ނިޔަތް ގަނެގެން މި މަސައްކަތުން ފައިސާ އެއްކޮށްގެން ޙައްޖަށް ދިޔައީ މި ފަހަރު. މިހާރު ފައިސާ ފޮރުވަމުން މި އަންނަނީ އަޅުގަނޑު މަންމައަށްޓަކައި އުމްރާއެއް ކުރުމަށްޓަކައި،" އުމްރާގެ އަޅުކަން ވެސް އަދާކޮށްފައިވާ ޒަރީރާ ކިޔައިދިނެވެ.

އޭނާގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީ ދަށްވުމާ އެކު މަންމައަށްޓަކައި ކުރުމަށް ގަސްތުކޮށްފައިވާ އުމްރާއަށް ހުރަސް އެޅިދާނެތީއެވެ. އަދި، ލިބެމުން އައި އާމްދަނީ ދަށްވުމުން ދެން ވެސް ދަތިތައް ދިމާވެދާނެތީއެވެ.

"މިހާރު މިވާގޮތުން ގޭ ހަރަދަށް އެއްޗެހި ގަނެވޭ ވަރަށް ވެސް ނުލިބޭނެ،" ޒަރީރާ ބުންޏެވެ.

ޒަރީޒާ ބުނާގޮތުން ނަމަ ބިދޭސީން މި ވިޔަފާރި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު އެއީ އޭނާ ފަދަ މި މަސައްކަތް ކުރާ ދިވެހީންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ފިހާރަތައް ހިންގަން ވެސް ގިނައިން ބިދޭސީން ތިބޭއިރު އެ މީހުންނާއި އެ މީހުންގެ މީހުންނާ އޮންނަނީ ވަރަށް ގުޅިފައެވެ. މާލޭގެ އެކިއެކި ގެތަކުގައި ވަރަށް މުޑުދާރުކޮށް ކާބޯތަކެތި ހަދައިގެން ގެނެސް އެ މީހުން ވިއްކާ ހަދަނީއެވެ.

ޒަރީރާ ދޭ ޔަގީން ކަމަކީ އެ މީހުން މި މަސައްކަތްކުރަނީ ވަރަށް ސާފު ތާހިރުކަން މަތީ ކަމެވެ. އޭނާ އެ ތަކެތި ތައްޔާރުކުރަނީ ދަރިންނަށް ވެސް ކާންދޭ ބަދިގޭގައި އެ ކައްކާ އުސޫލުން ކަމަށް ޒަރީރާ ބުންޏެވެ.

ކަމެއް ނުކޮށް ހުންނާކަށް ޒަރީރާ އަދިވެސް ބޭނުމެއް ނޫނެވެ. އެއީ، އުމުރުން 70 ގައި އުޅޭއިރު ކަމެއް ނެތި ހުންނަން ވެއްޖެ ނަމަ ދެން ދިމާވާނެ ސިއްހީ މައްސަލަތައް ވެސް ބޮޑުވާނެކަން އޭނާއަށް ވިސްނޭތީއެވެ. ނަމަވެސް، ނުގަވާއިދުން ބިދޭސީން ކުރަމުން ދިޔަ އަމަލުތަކެއްގެ ސަބަބުން ޒަރީރާގެ 40 އަހަރުވީ ވިޔަފާރި މިވަނީ އަނދަވަޅެއްގެ ތެރޭގައެވެ. އެ ހާލުގައި މިފަދަ މަސައްކަތް ކުރާ އެތައް ދިވެހީންނެއް އެބަތިއްބެވެ.

comment ކޮމެންޓް