ވައި މަޑުވާން ފަށައިފި، ކަނޑުތައް ވެސް މަޑުވާނެ: މެޓް

ކަނޑުގަދަ ދުވަހެއް: ވައި މަޑުވެ، ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުންވަނީ ބުނެފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ހުރިހާ އަތޮޅުތަކަށް ވެސް ވައިޖެހޭ މިންވަރު މަޑުވާން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނެފިއެވެ.

މި ކަމާ ގުޅުވައި މެޓް އޮފީހުން 'ސަން'އަށް ބުނީ، މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް މިއަދު ތަންކޮޅެއް ވައިގަދަ ނަމަވެސް، ވައި މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިތުރަށް އެ އިދާރާއިން ބުނީ، ވައި ޖެހޭ މިންވަރު ދަށްވާނެ ފެށުމާ އެކު ކަނޑުތައް ވެސް މަޑުވަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް، މެޓުން ރޭ ދަންވަރު 1:00 އިން ހެނދުނު 7:00 އަށް ހުދު ސަމާލެއް ވެސް ނެރުނެވެ. އެގޮތުން، ރޭ އުތުރުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި، ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ، 57 ގެއަކަށް ރޭ ފެންވަދެ، އެކި ވަރުގެ ގެއްލުންތަކެއް ވަނީ ވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މި ދަނީ ހުޅަނގު މޫސުމުވެ ވިއްސާރަ ކަމަށާއި ހުޅަނގު މޫސުން ޑިސެމްބަރާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް އެ އިދާރާއިން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް