ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: ވޭތުވެދިޔަ 24 ގަޑީރުގެ ތެރޭގައި މާލެއަށް 136 މިލިމީޓަރުގެ ވާރޭ ވެހިއްޖެ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ވޭތުވެދިޔަ 24 ގަޑީރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށް ކަމަށާއި އެއީ 136 މިލިމީޓަރުގެ ވާރޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށްވެސް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން މިއަދު ހާމަކޮށްފައިވާ ރެކޯޑުތަކުން ދައްކާގޮތުން މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުމާލެއަށެވެ. ހުޅުމާލެއަށް 117 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު ބ. ދަރަވަންދުއަށް ވަނީ 111 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މާލޭއަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން އަންނަނީ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގެ ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ފަށައިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެގޮތުން މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވާއިރު އެ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދާއި ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދުގެ އިތުރުން ދިރާގު ސަރަހައްދު އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.

އެ އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް